މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒަފަކު ބައިވެރިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން، އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކަމަށެވެ. އެގޮތުން، އެކަމުގައި ބޭންކްގެ މެނޭޖުމެންޓާއި ބޯޑް މެންބަރުން ފެށިގެން އެންމެ ދަށް ފަންތީގެ މުވައްޒަފުން ވެސް ޝާމިލުވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
މި ހިޔާނާތުގައި ތުހުމަތު ކުރެވޭ 38 މުވައްޒަފުންނާ މިކަމުގައި ސުވާލުކޮށް ބަޔާން ނަގަމުންދާ ކަމަށް ވެސް އޭސީސީގެ މުއައްވިޒު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ބީއެމްއެލްއިން އެމްއެމްޕީއާރްސީގެ ޗެކްތަކެއް އެސްއޯއެފްއަށް ޖަމާކުރަމުންދާކަން އެމްއެމްއޭގެ ސަމާލު ކަމަށް ގެނައި ކަމަށެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ޗެކްތައް ޖަމާކޮށް ދިނުމަށްފަހު ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ އެންޑޯސްމަންޓް ފުރިހަމަ ނުވަނީސް ކަމަަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.
ބީއެމްއެލް އިން މީގެ ކުރިން ވަނީ މިކަން ދޮގުކޮށް، ޗެކްތައް ޖަމާކުރީ އެންޑޯސްކޮށްފައި ހުރުމުން ކަމަށް ބުނެފައެވެ. ނަމަވެސް އެމްއެމްއޭއިން މިހާރު މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާފައި ވާކަމަށާއި މިކަމުގައި ހިމެނޭ މަނީލޯންޑަރިންގެ ބައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ބީއެމްއެލްއަށް ވެސް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވާއިރު އެ މައްސަލާގައި ކުރީގެ ސަރުކާރުގެ އިސްވެރިންނަށް ވަނީ ވަރަށް ބޮޑަށް ތުހުމަތު ތަކެއް އަމާޒުވެފައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށް ދައުވާކޮށް، ކުށް ސާބިތުވެފައި ވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ވަނީ މި މައްސަލާގައި ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.