ޕާކިސްތާނުގައި ހުރި އެންމެ ބަރު މީހާގެ ގޮތުގައި ސިފަކުރަމުން އަންނަ ނޫރު ހަސަން، ހޮސްޕިޓަލުގައި އޮއްވާ މަރުވެއްޖެއެވެ.

ބަރުދަނުގައި 330 ހުރި ނޫރު ހަސަން މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާއަށް ހާޓްއެޓޭކް ޖެހުނު ވަގުތަކީ ކައިރީގައި ނަރުހަކުވެސް ނެތް ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަރުން އޭރުވީ، އިންޓެންސިވް ކެއާ ޔުނިޓްގައި ހިނގި އެހެން ކަމަށް އެޓެންޑުވާން ގޮސްކަމަށްވެސް ޚަބަރު ލިބެއެވެ.

ހަށިގަނޑުން ސަރުބީ ނެގުމަށް ހަދާ ލިޕޯސަކްޝަން ސާޖަރީއެއް މިދިޔަ މަހު ކާމިޔާބުކަމާއެކު ހެދި ނޫރު ހަސަންވެސް އޮތީ އައި.ސީ.ޔޫގައެވެ. އޭނާ އައި.ސީ.ޔޫގައި ބާއްވާފައިވަނީ، ސާޖަރީއަށްފަހު އިތުރު އޮބްޒަވޭޝަނަށެވެ.

އޭނާއަށް ފަރުވާދެމުންދިޔަ ޑޮކްޓަރު ކަމަށްވާ މާޒުލް ހަސަން ބުނީ، އައި.ސީ.ޔޫ ތެރޭގައި ހިނގި އެހެން ހާދިސާއަކަށް އެޓެންޑުވުމަށްފަހު ނަރުހުންނަށް ނޫރު ހަސަން ގާތަށް އާދެވުނީ ގަޑިއިރެއްހާއިރު ފަހުން ކަމަށާ، އޭރު އޭނާއަށް ހާޓްއެޓޭކް ޖެހިފައިވާކަމަށެވެ. އަދި އޭނާ ސަލާމަތްކުރުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށްވެސް ޑޮކްޓަރު ވަނީ ބުނެފައެވެ.

ނޫރު ހަސަންގެ އަންހެނުން، މަލޫކާ ބިބީ ބުނާ ގޮތުގައި އޭނާގެ ފިރިމީހާގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ އައި.ސީ.ޔޫ ތެރޭގައި "ކަންތައްގަނޑު ބޮޑުކޮށްލި" އާއިލާގެ މީހުންކަމަށެވެ. އެއާއިލާއިން "ކަންތައްގަނޑު ބޮޑުކޮށްލި" ކަމަށް ބުނަނީ، އެ އާއިލާގެ ޕޭޝަންޓް އައި.ސީ.ޔޫގައި މަރުވީ ހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ކަމަށް ބުނެ، އައި.ސީ.ޔޫ ތެރޭގައި ހަމަނުޖެހުން ހިންގައިގެންނެވެ.

އެތައް ދުވަހެއްގެ އާދޭހަށް އާންމުންގެ ފަރާތުން އިޖާބައެއް ނުލިބުމުން، އަސްކަރިއްޔާގެ އެހީތެރިކަމާއެކު ނޫރު ހަސަން ހޮސްޕިޓަލަށް ގެނެވުނީ ހުސްވި މަހުއެވެ. ނޫރު ހަސަންގެ 7 ދަރިން ދުނުޔޭގައި އެބަތިއްބެވެ.