ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ދެކޮޅަށް ޝަރިޔަތް ކުރިއަށް ދިޔައިރު، ނަވާޒްގެ ދަރިކަނބަލުން މަރްޔަމް ނަވާޒް، ފަނޑިޔާރަށް ރިޝްވަތު ދެއްވަން މަސައްކަތްކުރެއްވި ކަމަށް، ނަވާޒްގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު އަރުޝަދު މާލިކު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އަރުޝަދު މާލިކު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ނަވާޒްގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ސާބިތުހިފޭ ހެއްކެއް ނެތި، ބްލެކްމެއިލްގެ ބިރައްޓަކައި ފަނޑިޔާރު މާލިކު އިއްވެވި ހުކުމެއް ކަމަށް އޭނާ އަމިއްލަފުޅަށް އިއުތިރާފުވާކަމަށް ބުނާ ވީޑިއޯއެއް، މަރްޔަމް ނަވާޒް އާންމު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

Ads by FSM
FSM

މި ވީޑިއޯއަކީ ޕާކިސްތާން މުސްލިމު ލީގު- ނަވާޒް (ޕީއެމްއެލް-އެން)ގެ މެމްބަރު ނަސީރު ބަޓްއާއި ފަނޑިޔާރު އަރުޝަދާ ދެމެދު ދެކެވުނު ވާހަކަތަކެއް ކަމަށް މަރްޔަމް ނަވާޒް ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތައް ދޮގުކުރައްވާ އާންމުކުރެއްވި ނޫސް ބަޔާނެއްގައި ފަނޑިޔާރު އަރުޝަދު މާލިކު ވިދާޅުވީ، އެ ވީޑީއޯއަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ "ފޭކު" ވީޑިއޯއެއް ކަމަށެވެ.

ނަމަވެސް ބަޓްއާއި އޭނާގެ އާއިލާގެ މެމްބަރަކުވެސް ދަނެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު އަރުޝަދު މާލިކު ވަނީ ވިދާޅުވެފައެވެ.

ޖަލު ހުކުމަކީ ބްލެކްމެއިލްގެ ބިރައްޓަކައި އިއްވި ހުކުމެއް ކަމަށް މަރްޔަމް ނަވާޒް ތުހުމަތުކުރައްވާއިރު އެކަމަށް ރައްދު ދެއްވަމުން ފަނޑިޔާރު އަރުޝަދު މާލިކު ވިދާޅުވީ، އެއީ ބިރުވެރިކަމެއްގެ ތެރޭގައި ހުންނަވައިގެން ކުރެއްވި ކަމެއް ނަމަ، އެއް މައްސަލައިން ނަވާޒްގެ މައްޗަށް ހުކުމްކުރިއިރު، އެހެން މައްސަލައަކުން ނަވާޒް ސަލާމަތްކޮށްދެއްވީ ކީއްވެތޯ ސުވާލުކުރަންޖެހޭ ކަމަށެވެ.

ޕާކިސްތާނު މުސްލިމު ލީގު ނަވާޒްއިން މަސައްކަތް ކުރަމުންދަނީ އޭނާގެ އަބުރު ކަތިލުމަށްކަމަށްވެސް ނަވާޒް ޝަރީފުގެ މައްޗަށް 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވެވި ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އަދި އަސްލެއް ނެތް ވީޑިއޯއެއް ތައްޔާރުކޮށް އާންމުކުރި މައްސަލައާއި ގުޅުންހުރި ހުރިހާ ފަރާތްތަކާ ދެކޮޅަށް ޝަރުއީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށްވެސް ފަނޑިޔާރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ބްރޯޑްކާސްޓް ކުރުމާ މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޕާކިސްތާނުގެ ބޮޑުވަޒީރަށް ލަފާއަރުވާ ހާއްސަ މުޝީރެއް ކަމަށްވާ ފިރުދޯޒް އާޝިގު އަވާން ވަނީ، މި ވީޑިއޯގެ ފޮރެންސިކު ތަހުލީލެއް ކުރުމަށް ޕާކިސްތާނުގެ ސަރުކާރުން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.