އެކި ފަހަރު މަތިން ރ. އިފުރު އެއަފޯޓުން އަތުލައިގެންފައިވާ ބަނގުރާ ނައްތާލައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

އިފުރުން އަތުލައިގަނެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ، ނައްތާލާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވާ މި ތަކެއްޗަކީ ހަތަރު މައްސަލައެއްގައި ހިމެނޭ 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެއެވެ. މިތަކެެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކިދުވަސް މަތިން، ރ. އިފުރު އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ތަކެތިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބަނގުރާ ނައްތާލުން އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް 76 މައްސަލައަކާއި ގުޅިގެން އަތުލައިގެންފައިވާ 145 ބަނގުރާ ފުޅިއާއި 35 ބިއަރު ދަޅު ނައްތާލައިފައެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ރާފުޅިތަކަކީވެސް ކުޑަހުވަދޫގައި ޤާއިމު ކޮށްފައިވާ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.