ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފަށް ޙުކުމް އިއްވެވި އެކައުންޓަބިލިޓީ ކޯޓުގެ ފަނޑިޔާރު އަރުޝަދު މަލިކު އެކަން އެގޮތަށް ކުރެއްވީ "ބްލެކްމެއިލް"ގެ ޝިކާރައަކަށް ވެވަޑައިގަތުމުން ކަމަށް، މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަވާޒު ޝަރީފުގެ ދަރިކަނބަލުން މަރްޔަމް ނަވާޒު ތުހުމަތު ކުރައްވައިފިއެވެ.

މިކަމަށް ފަނޑިޔާރު އަރުޝަދު މަލިކު އިއުތިރާފުވެވަޑައިގަންނަވާ ވީޑިއޯއެއްވެސް ޕާކިސްތާނު މުސްލިމު ލީގު ނަވާޒު (ޕީއެމްއެލް-އެން)އިން ވަނީ އާންމުކޮށްފައެވެ.

ޕީއެމްއެލް-އެންގެ އިސްވެރިން ވާހަކަފުޅު ދެއްކެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުކުރި ވީޑިއޯ ކުލިޕުން ފެނިގެންދަނީ، ފަނޑިޔާރު އަރުޝަދު މަލިކްއާއި، ޕީއެމްއެލް-އެންގައި މަސައްކަތްކުރާ ނަސީރު ބަޓް ނަމަކަށް މީހަކާ ދެމެދު ކުރެވޭ މުއާމަލާތެކެވެ. އެގޮތުން ނަވާޒު ކޮރަޕްޝަންގެ ކުށް، ނަވާޒު ޝަރީފުގެ މައްޗަށް ސާބިތުކުރެވޭ ވަރަށް ހެކި ނެތީސްވެސް ޖަލު ހުކުމް އިއްވާފައިވަނީ ފިއްތުންތަކެއް ހުރުމުގެ ސަބަބުން ކަމަށް ފަނޑިޔާރު އަރުޝަދު މަލިކު ވިދާޅުވެއެވެ.

މި ވީޑީއޯއަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މަރްޔަމް ނަވާޒު ވިދާޅުވީ ވަކި ލާރިއެއްގެ މިންވަރުގައި ނަވާޒު ޝަރީފު ޖެހިވަޑައިގެންނެވި ކަމުގެ ހެކި ދެއްކިފައި ނުވާކަމަށާ، ލަންޑަންގައި ހުރި ގޯދި ގެދޮރާ މުދަލަކީ، ނަވާޒު ޝަރީފާ ގުޅުންހުރި ތަންތަނާ ތަކެތި ނޫންކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން މަރްޔަމް ނަވާޒު ވިދާޅުވީ، ނަވާޒު ޝަރީފުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ، ފަނޑިޔާރުގެ ޒާތީ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް އާންމުކުރާނެ ކަމުގެ ބިރު ދައްކާ، "ބްލެކްމެއިލް"ކޮށްގެން ކަމަށެވެ. ގެންދަވާ ނަވާޒު ޝަރީފުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ފަނޑިޔާރު އަމިއްލަފުޅަށް ލިޔުއްވި ހުކުމެއް ނޫންކަމަށާ، އެއީ އޭނާއަށް މަޖުބޫރުވެގެން ލިޔުއްވި ހުކުމެއް ކަމަށްވެސް މަރްޔަމް ނަވާޒު ވަނީ ތުހުމަތުކުރައްވާފައެވެ.

މަރްޔަމް ނަވާޒު އިތުރަށް ވިދާޅުވީ، ނަވާޒު ޝަރީފު ޖަލަށް ލެއްވުމަށް ފަނޑިޔާރަށް ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން، އަމިއްލަފުޅަށް މަރުވުމުގެ ފިކުރެއްވެސް އެ ފަނޑިޔާރު ގެންގުޅުއްވި ކަމަށެވެ. އަދި މި ބަދުނާމުތަކުން ބައްޕާފުޅު ސަލާމަތްވެވަޑައިގަންނަވާ ކަމަށާ، ޕާކިސްތާނުގެ ސުޕްރީމު ކޯޓަށް މި "ހެކި" ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މަރްޔަމް ނަވާޒު ވަނީ ވިދާޅުވެފައެވެ.

ލާހޯރުގެ ޖަލެއްގައި 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަވާޒު ޝަރީފުގެ ސިއްހީ ހާލުކޮޅު ދަށަށް ގޮސް، އެކަމުގެ ކަންބޮޑުވުންތައްވެސް އެމަނިކުފާނުގެ އާއިލާއިން ދަނީ ފާޅުކުރައްވަމުންނެވެ.