ގެއްލިފައިވާ ކޮންމެ މީހެއްގެ އިލްޒާމަކީ ޕާކިސްތާނުގެ ބޮލުގައި އެޅުވޭނެ އިލްޒާމެއް ނޫންކަމަށް ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވެއްޖެއެވެ.

މަޖުބޫރުން "ގެއްލުވާފައިވާ" މީހުން ނުވަތަ މަޖުބޫރީ ހާލަތަކަށްޓަކައި ފިލައިގެން އުޅޭ މިހުންގެ މައްސަލައާއި ބެހޭ ގޮތުން މިފަދަ މޭރުމަކުން ޕާކިސްތާނު އަސްކަރިއްޔާގެ އިސް އޮފިޝަލު ޓްވީޓް ކުރައްވާފައި މިވަނީ، ދީނީ އަދި ނަސްލީ އާބާދުތަކުގެ މީހުންނަށް ވީނުވީއެއް ނޭނގި ގެއްލެމުންދާ މައްސަލާގައި ޕާކިސްތާނާ ޕާކިސްތާނުގެ އަސްކަރިއްޔާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣަފޫރު ވިދާޅުވީ "ގެއްލިފަވާ" ބައެއް މީހުންނަކީ ތޯލިބާނު ޖަމާއަތާ ގުޅި، އަފްޣާނިސްތާނުގައި ހަނގުރާމަ ކުރަމުންދާ މީހުން ކަމަށާ، ނުވަތަ ހަނގުރާމައިގެ މައިދާނުގައި ފުރާނަ ގެއްލިފައިވާ މީހުން ކަމަށެވެ. ޕާކިސްތާނުގެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަކީ ޝަރުއީ މަރުހަލާގެ ތެރެއިން ފެންނާނެ މީހުންކަންވެސް ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ގެއްލިފައިވާ މީހުންގެ ދަފުތަރުގައި 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 5000 މީހަކު ވަނީ ޖައްސާފައެވެ. މީގެ ގިނަ މައްސަލަތައް އަދިވެސް ހުރީ ހައްލުނުކުރެވިއެވެ.