އެންމެ ފަހުގެ ފިލްމް "ވަން ޑޭ: ޖަސްޓިސް ޑެލިވާޑް"ގެ ކާމިޔާބީ ފާހަގަ ކުރުމަށް ރަހުމަތްތެރިންނާ އެކު ގޮސް އުޅުނު ހޮޓަލުގެ މެނޭޖަރު، "ލޮލުގެ ނަޒަރުން" އޭނާ "ރޭޕް" ކޮށްފައި ވާކަމަށް ބުނެ، އިންޑިއާގެ ފިލްމް އެކްޓްރެސް އަދި މޮޑެލް އީޝާ ގުޕްތާ، ވަރުގަދަ ތުހުމަތުތަކެއް ފެންމަތި ކޮށްފިއެވެ.

ހޮޓެލް މެނޭޖަރެއްގެ ގޮތުގައި އެތަން ހިނގަމުންދިޔަ މީހާ "ލޮލުގެ ނަޒަރުން" އީޝާ ރޭޕްކުރިކަމަށް ދައުވާކޮށްފައިވަނީ، ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އީޝާ ވަނީ، އެމީހާގެ ނަން ހާމަކޮށް، އެ މީހަކު ހޯދަން މަސައްކަތްކޮށްފައެވެ.

އެމީހާ ބަލަމުންދިޔަ ގޮތުންވެސް ފުރައްސާރައަކަށްވެ، ރައްކާތެރިކަމެއް ނެތްކަމުގެ އިހުސާސް ކުރެވުނު ކަމަށާ، ހަށިފާރަވެރިންގެ ގޮތުގައި ދެމީހުން ތިބިއިރު މިފަދަ އިހުސާސެއްކުރެވުނުއިރު، އާދައިގެ އަންހެން ކުއްޖެއްގެ ހިތް ނުތަނަވަސްވާނެ ވަރު އިހުސާސްކޮށްލަންވެސް ނޭނގޭކަމަށް އީޝާގެ ޕޯސްޓުގައިވަނީ ބުނެފައެވެ.

އީޝާ ވަނީ "ލޮލުގެ ނަޒަރުން" އޭނާ "ރޭޕްކުރި" މީހާގެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެމީހަކީ ކުރިއަށް އޮތްތަނުގައި މީހުން "ރޭޕްކުރަމުން ދުވާނެ" މީހެއްކަމަށްވެސް އީޝާ ވަނީ ތުހުމަތުކޮށްފައެވެ.