ގާނޫނަށް އަމަލު ކުރާ މިންވަރު ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި 28 ތަނެއް ޖޫރިމަނާ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ގާނޫނަށް އަމަލު ކުރާ މިންވަރު ބެލުމަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެ އެޖެންސީން ބަލާ ފާސް ކުރި ފިހާރައާއި ކެފޭ އަދި ރެސްޓޯރެންޓް ތަކުގެ ތެރެއިން 28 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން، ޖޫރިމަނާ ކުރީ 11 ފިހާރައަކާއި، 17 ކެފޭ އަދި ރެސްޓޯރެންޓް ކަމަށް ވެސް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ބުނީ، އެ އެޖެންސީން މިހާތަނަށް ބަލާ ފާސްކުރި ތަންތަނުގެ ތެރެއިން ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް އަމަލު ކުރަނީ އެންމެ 37 ޕަސަންޓު ތަންތަން ކަމަށެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސް ކުރުމަށް ހާއްސަ އޮޕަރޭޝަން ތަކެއް އެޗްޕީއޭ އަދި ކަމާބެހޭ އެހެން މުއައްސަސާތައް ގުޅިގެން ދަނީ ހިންގަމުންނެވެ. މި އޮފަރޭޝަނުގައި ދުންފަތުގެ ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމާއި، ބޭނުންވާ ހާލަތްތަކުގައި މި ކަމުގައި ޝާމިލުވާ ޓީމުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން ތަންތަން ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ވަނީ މި އޮޕަރޭޝަންތައް ކުރިޔަށް ދާއިރު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައެވެ.