އިންތިހާބެއް ބޭއްވުމުގެ ކުރިން، އިދިކޮޅު އިއްތިހާދާއެކު ބާރުތައް ހިއްސާކުރާ ސަރުކާރެއް ގާއިމުކުރުމަށް ސޫދާންގެ އަސްކަރީ ލީޑަރުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ސޫދާންގެ ވެރިކަމުގެ އެންމެ އިސް ބާރުގެ ގޮތުގައި މިވަގުތު އޮތް މިނިވަން ކައުންސިލްގެ ވެރިކަން އަސްކަރީ ލީޑަރުންނާ އިދިކޮޅު އިއްތިހާދުން އެކި ދުވަސްތަކަށް ބަހާލައިގެން ހިއްސާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދިޔަ ސޫދާން ސުލްހަ ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދިޔަ އެފްރިކަން ޔޫނިއަންއިން ބުނީ، ފާއިތުވީ ހަފުތާތަކުގައި ސޫދާންގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމަށްވެސް ދެފަރާތުން އެއްބަސްވެފައިވާކަމަށާ، މިނިވަން، ޓެކްނޯކްރަޓިކް ސަރުކާރެއް ގާއިމުކުރުމަށްވެސް ދެބައި މީހުން އެއްގަލަކަށް އަރާފައިވާކަމަށެވެ. ޓެކްނޯކްރަޓިކް ސަރުކާރަކީ ވެރިކަން ހިންގުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ އިލްމުވެރިންގެ ތެރެއިން، ވަކި ފިކުރަކަށް ބުރަނުވާ މީހުން ހިމަނައިގެން ހިންގާ ސަރުކާރުގެ ނިޒާމެކެވެ.

ސޫދާންގެ އާންމު މަސްރަހު އިންތިހާއަށް ނުތަނަވަސްވެ، ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިގެންދިޔައީ، އެތައް އަހަރެއް ވަންދެން ސޫދާންގައި ވެރިކަމުންދިޔަ އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމަށް މިއަހަރުގެ އޭޕްރިލް މަހު ހިންގި ކާމިޔާބު ހަރަކާތާއެކުގައެވެ.