މި ސަރުކާރަށް ބައެއް ކަންކަން ފެންނަނީ އޭނާ ޓްވީޓެއް ކޮށްލެއްވީމައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި ކުރިއައް ގެންދާ އިދިކޮޅު އިއްތިހާދުގެ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރުގެ ސަރުކާރުން އިސް ނަގައިގެން ކުދިކުދި ކަންކަންވެސް ނުކުރާ ކަމަށާ ކޮންމެ ކަމެއް ކުރުމުގައިވެސް ސަރުކާރު ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން މުއިއްޒު ވަނީ އޭނާ ޓްވީޓު ކުރައްވައިގެން ސަރުކާރުން ކުރި ތިން ކަމެއް މިރޭ ހާމަކުރައްވާފައެވެ.
އެގޮތުން ބޮޑުތަކުރުފާނު މަގުގައި ތާރު އެޅިއިރު ސްޓެލްކޯ ކައިރީގައި ތާރު ނޭޅި ހުރި ކުޑަ ތަންކޮޅެއްވެސް އެހެން ހުންނަތާ ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން މުއިއްޒު ޓްވީޓުގެ ޒަރިއްޔާއިން ސަރުކާރުގެ ސަމާލު ކަމަށް ގެންނެވި ކަމަށާ، ޓްވީޓު ކުރެއްވިތާ އެއް ދުވަސް ފަހުން ސަރުކާރުން އެތަން ހެދިކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނުގެ ދައުރުގައި ތަރައްގީ ކުރި ރަސްރަނި ބަގީޗާގެ މަސް ފެންގަނޑު ތަޣައްޔަރުވެފައި ވަނިކޮށް އެކަންވެސް ޓްވީޓު ކުރެއްވުމުން ސަރުކާރުން، އެކަން ރަނގަޅު ކޮށްފައި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު އަށް އެ މަސްފެންގަނޑު ފެނިވަޑައި ގަތީ ތަޣައްޔަރުވެ އޭގައި މަސްތައް މަރުވާވަރު ވެފައި ހުއްޓާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީނުގެ ވެރިކަމުގެ ނިމުމަކާ ހަމަޔަށް ރަށްރަށުގެ މަޝްރޫތައް ހިންގާފައިވާ މިންވަރާ ގުޅޭގޮތުން ޓްވީޓު ކުރެއްވުމާ ގުޅިގެން ސަރުކާރުން އެތައް ރަށެއްގައި މަޝްރޫތައް ކުރިއަށް ގެންދިއުމަށް މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ މި ސަރކާރުން ކަންކަން ކުރަން ޖެހޭނީ ބަޔަކު އެކަން ކުރުމަށް ސަމާލު ކަމަށް ގެންގޮސް ދީގެން ނޫންކަމަށެވެ.