ފަސް މީހުން ތިއްބަސް ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބާއްވާ އެއްވުން ބާއްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފަސް މީހުންނާ އެކު ވިޔަސް އިދިކޮޅު އިއްތިހާދުގެ އެއްވުން ބައްވާނެ ކަމަށް ޝުޖާއު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީއަށް ގޮން ޖައްސަވާފައެވެ. ޝުޖާއު މި މޭރުމުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމްޑީޕީ މީހުން ބުނީ އިދިކޮޅު އިއްތިހާދަކުން އެއްވުމެއް ނުބޭއްވޭނެ ކަމަށާއި އިދިކޮޅު އިއްތިހާދު ރައްޔިތުން ބަލައި ނުގަންނާނެ ކަމަށާއި، އިދިކޮޅަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ހަމަ "އޯކޭ" ކަމަށް ޝުޖާއުގެ ޓްވީޓުގައި ވަނީ ފާގަ ކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ 5 މީހުންނާ އެކު ނިކުންނަން ޖެހުނަސް މި އެއްވުން ބާއްވާނެ ކަމަށެވެ. މި އެއްވުމަކީ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކުގެ މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ވީ އެންމެ އަވަހަކަށް ރާއްޖެ ގެނައުމަށް ގޮވާލުމަށް ކުރާ އިހުތިޖާޖެއް ކަމަށް މީގެ ކުރިން އިދިކޮޅު އިއްތިހާދުން ވަނީ އިއުލާނުކޮށްފައެވެ.
މިކަން އިއުލާނުކޮށްފައި ވަނީ އިދިކޮޅު އިއްތިހާދުން މިމަހުގެ 1 ވަަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެ ދުވަހުވެސް އިދިކޮޅުން ބުނީ ޖުމްލަ ފަސް މީހުން އިހުތިޖާޖު ކުރުމަށް ނިކުތް ކަމުގައި ވިޔަސް އިދިކޮޅު އިއްތިހާދުން އިހުތިޖާޖު ކުރާނެ ކަމަށާއި، ލުތުފީއަކީ ބޮޑު ކުށްވެރިއެއް ކަމަށާ، އޭނާ ވީ އެންމެ އަވަހަކަށް ރާއްޖެ ގެނައުމަކީ ކުރުން މަޖުބޫރު ކަމެއް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ރައްޔިތުންނަށް ދޭން ނިންމި ފްލެޓުތައް މި ސަރުކާރުން ދިނުން ލަސްވުމާ ގުޅިގެންވެސް މި އިހުތިޖާޖުގެ ތެރެއިން އަޑު އުފުލުމަށް އެ ފަރާތްތަކުން ވަނީ ނިންމާފައެވެ. އަދި އޭރު އިމާރާތް ކުރުމަށް ނިންމާފައިވާ 7000 ހައުސިން ޔުނިޓުގެ އަދަދު މަދުވަމުން ދާތީ އެކަން ވެސް ސާފުކޮށްދިނުމަށް މި އިތިޖާޖުގައި އަޑު އުފުލުމަށް ވަނީ ނިންމާފައެވެ.
އިދިކޮޅު އިއްތިހާދުން އިހުތިޖާޖު އިއުލާނު ކުރަމުންދަނީ 'ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަވާ' ހާއްސަ އެއްވުމެއް ކަމަށް ބުނެއެވެ.
ކިތަމެ މަދުބަޔަކަސް ﷲ ނަސްރު ދެއްވާނެ ހާސް ކަނޑާލާ