ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ އެސޯސިއޭޝަންގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމިއްލަ އުސޫލެއް ނުހެދޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް މިހެން ވިދާޅުވީ ބާ ކައުންސިލަށް ރައީސަކު އައްޔަން ކުރުމުގައި އެކަކު ކުރިމަތިލައިފި ނަމަ، އެމީހަކު ވޯޓަކާ ނުލާ އިންތިހާބު ވާނެ ކަމަށް އީސީން އާންމުކުރި އުސޫލުގައި ބުނެފައި ވުމުންނެވެ.

މި މައްސަލައިގައި އުޝާމް ވިދާޅުވީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވަން ޖެހޭނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންކަން ގާނޫނީ ފަންނުގެ ގާނޫނުގެ 6 އަދި 11 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮތްއިރު، އިލެކްޝަންސް ކޮމިޝަނަށް އުސޫލެއްގެ ދަށުން އެހައްގުު ހަނިކުރެވޭނޭ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

"މިގޮތުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ އުސޫލުގެ 22 ވަނަ މާއްދާ އިސްލާހުކޮށް، ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އިލެކްޝަންސްއަށް ގޮވާލަން،"
ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް

ބާ ކައުންސިލްގެ އިންތިހާބާއި ބެހޭ އުސޫލު އީސީން އިއުލާން ކުރި އިރު، އެ އިއުލާންގައި ބުނެފައިވަނީ ބާ ކައުންސިލްގެ ރައީސް ކަަމަށް ޝަރުތު ހަމަވާ އެކަކަަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ނުލައިފިނަމަ ކުރިމަތިލި ބޭފުޅަކު އިންތިހާބުވި ކަން ވޯޓަކާ ނުލައި އިއުލާނު ކުރެވޭނެ ކަމަށެވެ. އަދި ބާ ކައުންސިލްގެ ނައިބު ރައީސް ކަމާއި އެގްޒެކެޓިވް ކޮމިޓީގެ ހަ މެމްބަރުން ހޮވުމުގައި ވެސް އިއުލާނުގައިވާ ގޮތުން އަމަލުކުރާނީ އެގޮތަށެވެ.

މި އުސޫލަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ އެހެން އިންތިހާބުތަކާބެހޭ ގާނޫނުތަކުގައި ވޯޓުނަގަން ނުޖެހޭނެކަމަށް ބުނާ މާއްދާތައް އެ ގާނޫނުތަކުގައި ލިޔެފައި އެބަހުރި ކަމަށެވެ. ނަމަވެސް ގާނޫނީ ފަންނުގެ ގާނޫނުގައި އެފަދަ މާއްދާއެއް ނެތުމުން އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އަދި ވޯޓުލުމަކުން މައްސަލައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމްގެ މި ވާހަކަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނުގައި މިކަން ކުރާނެ ވަކިގޮތެއް ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން، މިއީ ބަހުސް ކޮށްލަން ރަނގަޅު ނުކުތާއެއް ކަމަށެވެ.

އަދި ހުރިހާ އިންތިހާބެއްގައި ވެސް ނަގަންޖެހެނީ ސިއްރު ވޯޓުކަމުގައި އިންތިހާބު ތަކާބެހޭ އާންމު ގާނޫނުގައި ބަޔާންވެފައި އޮތްނަމަވެސް، ރިޔާސީ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގައި ވެސް އަމަލުކުރަނީ އެކަކަށްވުރެ ގިނައިން މަގާމަކަށް ކުރިމަތި ނުލާނަމަ ހޮވޭ އުސޫލުން ކަމަށް ހަބީބު ވިދާޅުވިއެވެ.