ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބަހުސެއްގެ ތެރެއިން މާމިގިލީ ދާއިރާ ތަމްސީލު ކުރަށްވާ މެންބަރު ގާސިމް އިބްރާހިމް ކޯފާވެ ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) އާއި ދެމެދު ހޫނު ޒުވާނެއް ހިނގައިފިއެވެ.
އެ ބަހުސްގެ ތެރޭގައި ވާހަކަ ދެއްކެވުމަށް ރިޔާސްތުން ގާސިމަށް ފުރުސަތު ނުދެއްވަނީސް ގާސިމް ވަނީ ކޯފާވެ ކޮމެޓީގެ މުގައްރިރު މަވޯޓާ ޝަރީފަށް ބޭ އަދަބީ ބަސްތަކުން ރައްދު ދެއްވާފައެވެ. ފުރުސަތު ދެއްވުމުން ވާހަކަ ދެއްކެވުމަށް މަޑުކޮށް ދެއްވުމަށް ރިޔާސަތުން އެދިވަޑައިގެންނެވި ނަމަވެސް ގާސިމް ވަނީ ހުއްޓާ ނުލައްވައި ޝަރީފާ ޒުވާބު ކުރައްވާފައެވެ. ގާސިމް ރައްދު ދެއްވަން ފެއްޓެވީ ޝަރީފުގެ ވާހަކަ ގިނަ ކަމަށް ފާހަގަކުރައްވައި "އަޅުގަނޑުމެންނަށް ކިޔަވައިދެއްވަންތޯ ތި އުޅުއްވަނީ؟" މިހެން ވިދާޅުވެއެވެ.
ރައްދުގައި ޝަރީފް ވިދާޅުވެފައި ވަނީ ގާސިމަށް ފުރުސަތު ނާރުވާ ކަމަށާ، ފުރުސަތު ދެއްވުމުން ވާހަކަ ދެއްކެވުމަށެވެ. އެހެން ނަމަވެސް ގާސިމް ވިދާޅުވެފައި ވަނީ 'ޝަރީފް ބޭނުން ނުވިޔަސް ވާހަކަ ދައްކަވާނެ' ކަމަށެވެ. އެއަށްފަހު ޝަރީފްގެ ވާހަކަ ކުރިއަށް ގެންދެވުމުމުގެ ފުރުސަތު ނުދެއްވައި ގާސިމް ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އަދި ޝަރީފް ތަކުރާރުކޮށް ފުރުސަތު ދެއްވުމުން ވާހަކަ ދެއްކެވުމަށް އެދިވަޑައިގަތުމުންވެސް ގާސިމް އޭނާގެ ބަހަށް ކިޔަމަން ވެވަޑައެއް ނުގެންނެވިއެވެ.
އެއަށް ފަހުވެސް ގާސިމް ބޭއަދަބީ ބަހުން ވާހަކަ ދައްކަވަމުން ކޮމެޓީ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަމުން ގެންދެވުމުން ޝަރީފް ވަނީ ކޮމެޓީ ބައްދަލުވުން މެދުކަނޑައިލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޝަރީފް ވަނީ ގާސިމް ކޮމެޓީއިން ނިކުމެވަޑައިގަތުމަށް އަމުރު ކުރައްވާފައެވެ. ނަމަވެސް ގާސިމު ވިދާޅުވީ 'ނިކުންނަން ނުޖެހޭނެ' ކަމަށާ އެތަނަކީ ޝަރީފުގެ "ތަރިކަ މުދާ" ނޫންކަމަށެވެ.
ޝަރީފު އަޅުގަނޑޭ ވިދާޅުވެ ވާހަކަ ފައްޓަވާ އިރަށް، ގާސިމު ވަނީ، 'ކޮން އަޅުގަނޑެއް މަޅުގަނޑެއް ކަލޭ ކިޔާކަށް' ހޭ ވިދާޅުވަމުން އަޑުގަދަ ކުރައްވާފައެވެ.
ކުރިންވެސް ގާސިމް ވަނީ ހިތްހަމަޖެހިވަޑައި ނުގެން ކޮމެޓީ ދޫކުރައްވާ ވަޑައިގެންފައެވެ. މި ބައްދަލުވުމުގެ ކުރީކޮޅުވެސް ވަރަށް ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ މައްސަލަ ނަންގަވައި ގާސިމް ވާހަކަ ދެއްކެވިއެވެ. ޝަރީފަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވީ، މުޅި އޮޑީގައި ދެފައި އޮންނަ އުސޫލުން މެންބަރުންނަށް ބޭނުންވާ ވަރަށްވުރެ ގިނައިން ރިޔާސަތުން ވާހަކަ ދައްކަވާ ކަމަށާއި، އެ އެއްބަސްވުމުގައި އޮންނަ އެއްޗެހި އެހެން މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.