އިއްޔެ ފ. މަގޫދޫ ކައުންސިލް އިދާރާ ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެ އިދާރާގައި ހުރި ތިޖޫރީ ފަޅާލި 9 މީހުން ފިލަން ދުއްވި ޑިންގީ އަކީވެސް ވަގަށް ނަގައިގެން ފުލުހުނަށް ރިޕޯޓު ކޮށްފައިވާ އެއްޗެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ އެ ވައްކަން ކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން މިއަދު އިއުލާން ކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ގިނަ މީހުންނަކީ މާލެއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ޑިންގީ އަކާއި، ދޯންޏެއްގައި ފިލަން އުޅެނިކޮށް މަގޫދޫ ކައިރި ކަނޑުގެ ސަރަހައްދުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި 23 އަހަރުގެ ދެމީހަކާއި، 24 އަހަރުގެ ދެމީހެއްގެ އިތުރުން، 26 އަހަރާއި 38 އަހަރާ ދެމެދުގެ ފަސް މީހަކު ހިމެނެއެވެ.

ފުލުހުން ބުނީ، އިއްޔެ ދަންވަރު 3:30 ހާއިރު މަގޫދޫ ކައުންސިލް އިދާރާ ފަޅާލައިގެން އެތަނުގެ އެތެރެއަށް ބަޔަކު ވަދެ ތިޖޫރީގައި ހުރި ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ތިޖޫރީގައި ހުރި ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 9 މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފައި ކަމަށެވެ.