އިއްޔެ ފ. މަގޫދޫ ކައުންސިލް އިދާރާ ބަލަހައްޓަން ހުރި ސެކިއުރިޓީ ގާޑު ބަނުމަށްފަހު، އެ އިދާރާގައި ހުރި ތިޖޫރީ ފަޅާލީ 9 މީހުންގެ ގުރޫޕަކުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިހާރު އެކަމުގައި ތުހުމަތު ކުރެވޭ 9 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ޑިންގީ އަކާއި، ދޯންޏެއްގައި ފިލަން އުޅެނިކޮށް މަގޫދޫ ކައިރީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި 23 އަހަރުގެ ދެމީހަކާ، 24 އަހަރުގެ ދެމީހެއްގެ އިތުރުން، 26 އަހަރާއި 38 އަހަރާ ދެމެދުގެ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ، އިއްޔެ ދަންވަރު 3:30 ހާއިރު މަގޫދޫ ކައުންސިލް އިދާރާ ފަޅާލައިގެން އެތަނުގެ އެތެރެއަށް ބަޔަކު ވަދެ ތިޖޫރީގައި ހުރި ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާކޮޅެއް ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ތިޖޫރީގައި ހުރި ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 9 މީހުންގެ ބަންދަށް ވަނީ ކޯޓުން 5 ދުވަސް ޖަހާފައި ކަމަށެވެ.