ރޭ ދަމަށް ހުރި ސެކިއުރިޓީ ގާޑު ބަނުމަށް ފަހު ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 3:30 ހާއިރު މަގޫދޫ ކައުންސިލް އިދާރާ ފަޅާލައިގެން އެތަނުގެ އެތެރެއަށް ބަޔަކު ވަދެ ތިޖޫރީގައި ހުރި ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާކޮޅެއް ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ތިޖޫރީގައި ހުރި ފައިސާގެ އަދަދު ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ ކައުންސިލް އިދާރާ ފަޅާލައި އެތަނުގައި ހުރި ތިޖޫރީއަކުން ފައިސާ ވަގަށް ނަގާފައި ވަނީ އެތަނުގައި ދަމަށް ހުރި ސެކިއުރިޓީ ގާޑު ބަނުމަށްފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ދ. ކުޑަހުވަދޫ ހުންނަ މީރާ އޮފީހުގެ ތިޖޫރީއެއް ފަޅާލައިގެންވެސް ގިނަ އަދަދަކަށް ފައިސާ ބަޔަކު ވަނީ ވަގަށް ނަގާފައެވެ. ފުލުހުން ދަނީ މި މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.