އައްޑުއަށާއި ފުވައްމުލަކުގައި ގެސްޓްހައުސް އެޅުމަށް މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން އައްޑޫ އާއި ފުވައްމުލަކަށް ގެސްޓްހައުސް އެޅުމަށް ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެސްއެމްއީ) ބޭންކުން އެއް މިލިއަން ޑޮލަރުގެ ފެސިލިޓީ ލިބިގެން ދާނެ ކަމަށާއި، އެކަން ވަރަށް އަވަަހަށް އިއުލާން ކުރާނެ ކަމަށެވެ.

އައްޑޫގައި ޓުއަރިޒަމް ސިނާއަތު ފުޅާކުރުމަށް ވިސްނާފައި ވާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާއެކު އެ ސަރަހައްދުގައި އެނދުގެ އަދަދު އިތުރު ކުރުމަށާއި، އިތުރު ރިސޯޓްތަކާއި ގެސްޓްހައުސް އެޅުމަށް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އައްޑޫގައި ޓުއަރިޒަމް ސިނާއަތު ފުޅާ ކުރުމުގެ ވަރަށް ބޮޑު ކްރައިޓީރިއާއެއް އެބަ ގެންގުޅެން. ހާއްސަކޮށް މިހާރުވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާއެކު އަޅުގަނޑުމެން ބޭނުން އެތަނަށް ބޭނުންވާ ރަނގަޅު އެނދުގެ އަދަދު އިތުރުކުރުން. އޭގެތެރޭގައި ކޮންމެވެސް ވަރަކަށް އިތުރު ރިސޯޓް ކްރިއޭޓް ކުރުމަށް އަދި ގެސްޓް ހައުސަށް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދޭނަން."
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ދެކުނުގެ މި ދެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އުތުރުގެ ރަށްތަކަށްވެސް ގެސްޓްހައުސްގެ މަޝްރޫއުތައް ފުޅާކުރަން ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އުތުރުގެ އަތޮޅުތަކުން އެ މިނިސްޓްރީން ކަނޑައަޅާ ސަރަހައްދަކަށް ޓާގެޓް ކޮށްގެން އެ މަޝްރޫ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓާ ކައިރިން ހުރި ރަށްރަށަށް ޓާގެޓް ކުރާ ކަމަށެވެ. 100 މިލިއަން ރުފިޔާގެ ގެސްޓް ހައުސް ޕްރޮޖެކްޓް ތަކުގައި އުތުރުގެ ރަށްތަށުގެ ތެރެއިން ހަނިމާދޫ އެއާޕޯޓުން ވިހި މިނެޓުގެ ދުރުމިން ހުރި ރަށްތަކަށް ބޮޑަށް ޓާގެޓް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެއާޕޯޓުން ވިހި މިނިޓުގެ ޑިސްޓަންސް ހުރި ރަށްތަކަށް ބޮޑަށް ޓާގެޓް ކުރާނީ. 100 މިލިއަން ރުފިޔާގެ ގެސްޓް ހައުސް ޕްރޮޖެކްތް ތަކުގައި"
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވެސް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށް އެހެންމީހަކު ކޮށްފައި އޮތް ރަނގަޅު ކަމެއް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ރަނގަޅު ކަމަަކަށްވާ ސަބަބަކީ އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ގެސްޓްހައުސްގެ ވިޔަފާރި އިތުރަށް ފުޅާވެގެންދިއުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

20 މިނެޓުގެ ދަތުރު ކުރެވޭ ރަށްތަކުގައި ގެސްޓްހައުސް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ސަބަބު ހާމަ ކުރައްވަމުން ފައްޔާޒު ވިދާޅުވީ 16 ގަޑިއިރުގެ ދަތުރެއް ކޮށްގެން އަންނަ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެކުނާއި އުތުރުގެ ރަށްތަކަށް ދަނީ 45 މިނެޓާއި އެއް ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ކަމަށެވެ. އެއަށް ފަހު އަނެއްކާވެސް ދިގު ދަތުރެއް ކޮށްގެން ގެސްޓް ހައުސަކާ ހަމައަށް ދިއުން އުނދަގޫ ވާނެތީ 20 މިނެޓުގެ ކައިރި ތަންތަނަށް މި މަޝްރޫ ފުޅާކުރަން ނިންމެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫ ތަރައްގީ ކުރުމައްޓަކައި ބޭނުންވާ އިގްތިސޯދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭކަން އިކޮނޮމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އައްޑޫގެ މައި މަގުތައް ތަރައްގީ ކުރުމާއި، އައްޑޫގެ ބަނދަރުތައް ތަރައްގީ ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކާއި، ހައުސިންގް މަޝްރޫއުތަކުގެ އިތުރުން ކަރަންޓުގެ ވިއުގައި ތަރައްގީ ކުރުމާއި، އައްޑޫގެ މަސްވެރިކަން ތަރައްގީ ކުރުމާއި، އައްޑޫއަށް ބޭނުންވާނެ އިޖްތިމާއީ އެކި ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުން ދާދި ފަހުން ބޭއްވި ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައި ވެސް މި މަޝްރޫއުތަކުގެ ތަފްސީލުތައް ހާމަކޮށްފައި ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.