ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގެ ހުއްދަ އޮންނަ މީހުންގެ އަދަދު، ސައުދީއިން އަނެއްކާވެސް އިތުރުކޮށްދީފިއެވެ.

އިންޑިއާއަށް ދޫކުރާ ޙައްޖު ކޯޓާ އިތުރުކުރުމަށް ސައުދީއިން ނިންމީ، ޖަޕާނުގެ އޮސާކާގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ދެބޭފުޅުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކަށް ފަހު ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއިން ޙަޖަށް ދާ މީހުންގެ ކޯޓާއަށް 30000 މީހުންގެ ޖާގަ އިތުރުކުރުމާއެކު، މިހާރު 200000 މީހުންނަށް ފުރުސަތު ލިބިގެންދާނެއެވެ. މިއީ ދެވަނައަށް އެންމެ ކޯޓާ ބޮޑު ގައުމެވެ. ލިސްޓުގެ 1 ވަނާގައި އޮތީ އިންޑޮނޭޝިއާއެވެ.

އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ އައުސާފް ސައީދު ވިދާޅުވީ، މިއީ އިންޑިއާގެ ޙައްޖު މިޝަންގެ ތާރީހުގައިވެސް މިހާ ގިނަ އަދަދަކަށް ހާޖީންނަށް ހިދުމަތްދޭނެ ފުރަތަމަ ފަހަރެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް އިންޑިއާގެ ހައްޖާޖީން ސައުދީއަށް ދާން ފަށާނީ އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ޕާކިސްތާނުންވެސް ދަނީ ޙައްޖުވެރިންނަށް ލުއި ފަސޭހަކަން ހޯދާދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން "ރޯޑް ޓު މައްކާ"ގެ ނަމުގައި، މިހަފުތާ ތެރޭގައި ހާއްސަ މަޝްރޫއެއް ތައާރަފުކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ޙައްޖުވެރިންގެ އިމިގްރޭޝަން ކަންކަން ސީދާ ޕާކިސްތާނު އެއާޕޯޓުން މުޅިން ހަމަޖެހިގެންދާނެ ފުރުސަތު ފަހިކޮށްދޭނެ މަޝްރޫއެއް ކަމަށް މައުލޫމާތު ލިބެއެވެ. "ރޯޑް ޓު މައްކާ" މަޝްރޫއަކީ، ސައުދީ އެއާޕޯޓްތަކުގެ އިމިގްރޭޝަނުގައި ޕާކިސްތާނުގެ ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކޮށްދިނުމުގެ ގޮތުން، ބޮޑުވަޒީރު އިމްރާން ހާންގެ އެދިވަޑައިގަތުމަކަށް އެމް.ބީ.އެސް އިއުލާން ކުރެއްވި މަޝްރޫއެކެވެ. ޕާކިސްތާނުގެ ޙާޖީން ގޮވައިގެންދާ އެންމެ ފަހު ޖަމާއަތް ސައުދީއަށް ދާނީ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ.