ޓްވިޓްސާފުން މުޅި އައްޑޫ ސާފު ކޮށްލައިފިއެވެ.

އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން މިއަދު ހަވީރު އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބާއްވައިފިއެވެ. މި ހަރަކާތުގެ އިފްތިތާހީ ހަފްލާ މިއަދު ހަވީރު 3.00 އިން ފެށިގެން ހިތަދޫ ސްޓޭޖް ސަރަޙައްދުގައި އޮތް އިރު، ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ދިޔައީ ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތަކުގައެވެ.

ޓްވިޓްސާފުން ބުނީ، މިއަދު އައްޑޫގައި ބޭއްވި ސާފު ކުރުމުގެ މި ހަރަކާތުގައި، 598 މީހުން ބައިވެރިވެފައި ވާ ކަމަށެވެ. އެގޮތުން ހިތަދޫން 347 މީހުން ބައިވެރިވެފައި ވާއިރު މަރަދޫފޭދޫން 127 މީހުން އަދި ހުޅުމީދޫން 124 މީހުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

މިއަދުގެ ސާފު ކުރުމުގެ ހަރަކާތުގައި އުރީދޫގެ އިސްވެރިންގެ އިތުރުން މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފްވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށް ގެންގޮސް، އައްޑޫގެ އިވެންޓާ އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށެވެ.

ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމެވެ.