ރ. މަޑުއްވަރީގައި މިއަދު ފުލުހުންނާ އެރަށުގެ ޒުވާނުންގެ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހަކަށް ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް 2 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހަމަ ނުޖެހުމުގައި ފުލުހެއްގެ ގައިގައި ޖަހައިގެން ހައްޔަރުކޮށްފައި ވާ ދެމީހުންނަކީވެސް 22 އަހަރުގެ 2 ފިރިހެނުން ކަމަށެވެ. މިއަދު މެންދުރު ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ދެވަނަ މީހާ ކޯޓު އަމުރަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ރަޖިސްޓްރީ ބޯޑު ނުޖަހައި އަދި ލައިސަންސް ނެތް މީހަކު ދުއްވަމުން ދިޔަ ކުޑަ ޕިކަޕެއް ފުލުހުން ޓޯ ކުރުމާ ގުޅިގެން އެ ޕިކަޕު ހޯދުމަށް އެއްވި މީހުންނާ ފުލުހުންނާ ދެމެދުގައި ކަމަށެވެ. ފުލުހުން ބުނީ އެ ޕިކަޕު ދުއްވަމުންދާތީ ތަކުރާރުކޮށް ފުލުހުން ރަޖިސްޓްރީ ބޯޑު އަދި ލައިސަންސް ހަމަކުރުމަށް އަންގާ ނަސޭހަތްތެރި ވުމުންވެސް އެ ޕިކަޕުގެ ވެރިފަރާތުން އެކަން ކޮށްފައި ނުވާކަމަށެވެ.
އަދި އެ ޕިކަޕު ޓޯ ކުރުމަށް ފަހު ޕިކަޕު ބަލައި އައުމަށް ވެރިފަރާތަށް އެންގުމުން ޓޯ ކުރި ޕިކަޕު ހޯދުމަށް މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގެ ކައިރިއަށް ޕިކަޕުގެ ވެރިފަރާތުން ބަޔަކު ގޮވައިގެން އެއްވެ ހަމަނުޖެހުން ހިންގައިފައިވާކަމަށްވެސް ފުލުހުން ބުނެވެ.