ވައިގެ މަގުން ރާއްޖެ އެތެރެ ކުރި 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވާކަމަށް ކަސްޓަމުން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިއަދު އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި 21 އަހަރުގެ ފިރިހެނެއްގެ އަަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި 1 ކިލޯގެ ހަޝިޝް އޮއިލް އަޅާފައި ހުރި ފުޅިތަކެއް ފެނިފައި ވާކަމަށެވެ. ކަސްޓަމްސް އިން ބުނީ ހަޝިޝް އޮއިލް އަޅާފައިވާ ފުޅިތައް ހުރީ އޭނާގެ ލަގެޖުގެ ތެރޭގައި ރައްކާކޮށްފައި ކަަމަށެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ޓެސްޓު ކުރި ކުރުމުގެ ފުރަތަމަ މަރުހަލާގައި އެ ތަކެއްޗަކީ ހަޝިޝް އޮއިލް ކަން ދެނެގަނެވިފައި ވާކަމަށެވެ. އަދި އެ ތަކެތީގައި ޖުމްލަ 1.096 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިއީ މަގުމަތީ އަގަށް ބަލާނަމަ ގާތްގަނޑަކަށް 667,000 ރުފިޔާގެ މަސްތުވަތަކެތި ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި ހިފަހައްޓާފައިވާ 21 އަހަރުގެ ފިރިހެން މީހާ މިހާރު ފުލުހުންނާ ހަވާލުކުރެވިފައި ވާކަމަށާ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

އިއްޔެވެސް ފުލުހުން ވަނީ މާލޭގެ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ ގޮސް ވަން ފަޅުގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅާފައި ހުރި ސެލޯފިން ކޮޅު ތަކަކާއި، ބަނގުރާ ފުޅިތަކެއް ހޯދައި، 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.