ރ. މަޑުއްވަރީ ޒުވާނުން ތަކަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިންގައި، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ރަޖިސްޓްރީ ބޯޑު ނުޖަހައި އަދި ލައިސަންސް ނެތް މީހަކު ދުއްވަމުން ދިޔަ ކުޑަ ޕިކަޕެއް ފުލުހުން ޓޯ ކުރުމާ ގުޅިގެން އެ ޕިކަޕު ހޯދުމަށް އެއްވި މީހުންނާ ފުލުހުންނާ ދެމެދުގައި ކަމަށެވެ. ފުލުހުން ބުނީ އެ ޕިކަޕު ދުއްވަމުންދާތީ ތަކުރާރުކޮށް ފުލުހުން ރަޖިސްޓްރީ ބޯޑު އަދި ލައިސަންސް ހަމަކުރުމަށް އަންގާ ނަސޭހަތްތެރި ވުމުންވެސް އެ ޕިކަޕުގެ ވެރިފަރާތުން އެކަން ކޮށްފައި ނުވާކަމަށެވެ.
އަދި އެ ޕިކަޕު ޓޯ ކުރުމަށް ފަހު ޕިކަޕު ބަލައި އައުމަށް ވެރިފަރާތަށް އެންގުމުން ޓޯ ކުރި ޕިކަޕު ހޯދުމަށް މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގެ ކައިރިއަށް ޕިކަޕުގެ ވެރިފަރާތުން ބަޔަކު ގޮވައިގެން އެއްވެ ހަމަނުޖެހުން ހިންގައިފައިވާކަމަށްވެސް ފުލުހުން ބުނެވެ.
ފުލުހުން އަންނަނީ ގަވައިދާ ހިލާފަށް ޕާކު ކުރާ ވެހިކަލް ތަކާއި އެނޫން އެހެނިހެން މައްސަލަތައް ތަކުރާރުކޮށް ޖެހޭ ވެހިކަލް ތައް ޓޯ ކުރަމުންނެވެ. އަދި ޓޯ ކުރާ އުޅަނދެއްގެ ވެރިފަރާތެއްގެ އަތުން ޖޫރިމަނާ ފައިސާ ހޯދުމަށް ފަހު ފުލުހުން އެ ވެހިކަލެއް އަނބުރާ ވެރިފަރާތާ ހަވާލު ކުރެއެވެ. އެހެން ނަމަވެސް ފުލުހުން ކަނޑައަޅާ ދުވަހެއްގެ ތެރޭގައި ޓޯ ކުރާ ވެހިކަލް ނު ގެންގޮސްފި ނަމަ ފުލުހުން އެ ވެހިކަލްތައް ނައްތާލައެވެ. މިދިޔަ މަހުގެ ތެރޭގައި މާލެއިންވެސް ވަނީ ގިނަ އަދަދެއްގެ ވެހިކަލް ނައްތާލައިފައެވެ.