ޕީޕީއެމް އަދި ޕީއެންސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް ކާނިވަލް ސަރަހައްދު ނުދީފި ނަމަ ބަލާކަށް ނުތިބޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅުގެ އެއްވުމެއް ބޭއްވުމަށް ސިޓީއަކުން ހައުސިން މިނިސްޓްރީގައި ކާނިވަލް ސަރަހައްދު ދިނުމަށް އެދިފައި ވާނެ ކަމަށާ، އެހެން ނަމަވެސް އެ ސަރަހައްދު ޕީޕީއެމް އަދި ޕީއެންސީގެ އެއްވުމަށް ނުދޭނެ ކަމުގެ އަޑުތައް އިވެމުން ދާކަމަށެވެ. ޝުޖާއު ވިދާޅުވީ ސަރުކާރުން އެ ތަން ދޭނެތޯ ބައްލަވަން ތިއްބަވާނީ އަންނަ އާދީއްތަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ނުދީފި ނަމަ އަބަދު ބަލަން ނުތިބޭނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އިންޒާރު ދެއްވާފައެވެ.

ޝުޖާގެ ޓްވީޓާ އެކު އޭނާ ވަނީ ޕްލޭނިން މިނިސްޓްރީއަށް އެޑްރެސް ކުރައްވާ ކާނިވަލް ސަރަހައްދު އެއްވުން ބޭއްވުމަށް ހޯދުމަށް ފޮނުވާފައިވާ ސިޓީ ޓްވީޓު ކުރައްވާފައެވެ. އެ ސިޓީގައި ވަނީ ޕީޕީއެމް އަދި ޕީއެންސީގެ އާންމު އެއްވުމަކަށް މިއަންނަ މަހުގެ 4 ވަނަ ދުވަހުގެ 18:00 އިން ފެށިިގެން 00:00 އަށް ކާނިވަލް ސަރަހައްދު ދިނުމަށް އެދިފައެވެ. އަދި އެ ސިޓީގައި ވާގޮތުން އެ ޕާޓީތަކުގެ އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 4 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.

މި އެއްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ އެއްވުމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިކަމާ ގުޅޭގޮތުން އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.