މިނާ ހައްޖު އުމްރާ ޕްރަވެޓް ލިމިޓެޑު މެދުވެރިކޮށް މިއަހަރު ހައްޖަށް ދިއުމަށް ނިންމާފައިވާ ފަރާތްތައް އެ ގުރޫޕު މެދުވެރިކޮށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނި ތަކަށް ހުއްދަ ދިނުމުގައި މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން، އޭސީސީ އިން ވަކި ގޮތަކަށް ނުނިންމަނީސް މިނާ ހައްޖު ގުރޫޕަށް އެ މިނިސްޓްރީން ދީފައިވާ ހުއްދައިގެ ދަށުން އެއްވެސް ކަމެއް ނުކުރުމަށް އެ ގުރޫޕަށް މީގެ ކުރިން އަންގާފައި ވާނޭ ކަމަށެވެ.

އެހެން ނަމަވެސް މިނާ ގުރޫޕު މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހައްޖަށް ނުދެވޭނެ ކަމުގެ ކަންބޮޑުވުންތަކެއް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށާ، އެ ފަރާތްތައް އެހެން ކުންފުންޏެއް މެދުވެރިކޮށް ހައްޖަށް ފޮނުވުމަކީ ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމެއް ކަމަކަށް ވާތީ، އަދި ހައްޖަށް ގެންދިއުމުގެ ވަގުތު ކުޑަތަން ވެފައި ވުމާއެކު އިތުރު ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްގެން ހައްޖަށް އެ ފަރާތްތައް ނުފޮނުވިދާނެ ކަމުގެ ބިރު އޮތުމުން މިނާއަށް ފައިސާ ދައްކާފައިވާ ފަރާތްތައް ހައްޖަށް ފޮނުވޭނެ ހުއްދަ އެ ގުރޫޕަށް ދީފައި ވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މިކަމާ ގުޅޭގޮތުން އޭސީސީ އަދި ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާ ހޯދައިފައި ވާކަމަށާ، އޭސީސީ އަދި ބަނޑާރަ ނައިބު ލަފާ ދެއްވާފައި ވަނީ އެގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް، ހައްޖުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރިއަށް އޮތްތަނުގައި ކަންކަން އިހުނަށްވުރެ ހަރުދަނާ ކުރާނެ ކަމަށާ، މިފަހަރު ހައްޖަށް ދިއުމުގައި ދިމާވާ ދަތިތަކަށް މި ކަންކަން ތަހައްމަލު ކުރަން ޖެހުނު އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.