މަގުމަތީގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހަކަށް ހަމަލާދީ މާރަމާރީ ހިންގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ކަން ހިނގާފައި ވަނީ ކޯރުކެނޑި މަގުން ވަން ވޭ އާ ހިލާފަށް ދުއްވާފައި ދިޔަ މީހަކު ހުއްޓުވާ ނަސޭހަތްތެރި ވަމުން ދަނިކޮށް ކަމަށެވެ. ވަން ވޭ އާ ހިލާފަށް ދުއްވާފައި ގޮސްގެން ހުއްޓުވާފައި ވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށާ އޭނާ ސައިކަލު ދުއްވާފައި ދިޔައީ ކުޑަ ކުއްޖަކު ގޮވައިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އޭނާއަށް ނަސޭހަތްތެރި ވަމުން ދިޔަ ފުލުސް މީހާއާ ހަޑި ހުތުރު ބަހުން އޭނާ ވަނީ މުއާމަލާތު ކޮށްފައި ކަމަށެވެ. އަދި ފުލުސް މީހާއަށް ހަމަލާ ދީ މާރާމާރީ ހިންގައިފައި ވާކަމަށް ފުލުހުން ބުނެއެވެ.
މި ހަމަނުޖެހުމުގާ ފުލުސް މީހާއަށް ހަމަލާ ދީ މާރަމާރީ ހިންގި ގޮތް، އަދި ފުލުސް މީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ފުލުހަކާއި ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް މާރަމާރީ ހިންގި މައްސަލައިގައި އެ 31 އަހަރުގެ ފިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.