ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާއި ދެކޮޅަށް، އެގައުމުގެ އިދިކޮޅު ފަރާތްތަކުން އިއްތިހާދެއް އެކުލަވާލުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އިދިކޮޅު ގިނަ ޕާޓީތަކެއް ބައިވެރިވެގެން ކުރިއަށްގެންދިޔަ މިމަޝްވަރާތައް ބާއްވާފައިވަނީ ވެރިރަށް އިސްލާމްއާބާދުގައެވެ. އިދިކޮޅު 11 ޕާޓީއަކުން ބައިވެރިވި މިބައްދަލުވުން ބޭއްވުމަށް އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ޗެއާމަން ބިލަވާލް ބުއްޓޯ ޒަރުދާރީގެ ގޭގައެވެ.
ބުދަ ދުވަހުގެ މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓާފައިވަނީ، ޖަމީޔައްތުއް އުލެމާއީ އިސްލާމް (ފަޒުލް)ގެ ލީޑަރު މައުލާނާ ފަޒުލުއްރަހުމާންއެވެ. ފުރަތަމަ ދުވަހުގެ މަޝްވަރާތައް ނިންމާލާފައިވަނީ ސެނެޓްގެ ޗެއާމަން ސޯދިގު ސަންޖްރާނީ މަގާމުން ދުރުކުރާނެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލާނެ ގޮތުގެ މައްޗަށް، ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި އެއްބަސްވުމަކަށް އައުމަށް ފަހުގައެވެ.
އިދިކޮޅު ފަރާތްތަކުންވަނީ، 2018 ވަނަ އަހަރު އާންމު އިންތިހާބު ބޭއްވި ތާރީހުކަމުގައިވާ ޖުލައި 25 ވަނަ ދުވަހަކީ، ޕާކިސްތާނުގެ "ބްލެކްޑް ޑޭ" ގޮތުގައި ފާހަގަކުރުމަށްވެސް ނިންމާފައެވެ.