ހ. ރުއްދޮށުގޭ ބެލްކަނި ވެއްޓިގެން އަނިޔާވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ އެކަކަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ އިން ބުނީ ބެލްކަނި ވެއްޓި މަގުމީތީގައި ތިބި މީހުންނަށް އަނިޔާވި ހާދިސާގައި އެ ހޮސްޕިޓަލަށް ފަސް މީހަކު ގެންދިޔަ ކަމަށާއި، ފަރުވާ ދިނުމަށްފަހު އޭގެ ތެރެއިން ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހާގެ ހާލުވެސް ސީރިއަސް ނޫން ކަމަށް އޭޑީކޭ އިން ބުނެއެވެ. ނަމަވެސް، އޭނާގެ މިހާރުގެ ހާލަތާއި ބެހޭ އިތުރު ތަފްސީލެއް އޭޑީކޭ އިން ހާމަ ކޮށްފައެއް ނުވެއެވެ.
ހ. ރުއްދޮށުގޭ ބެލްކަނި ވެއްޓި، ހަތަރު މީހަކަށް އަނިޔާ ވެ، އަނިޔާވި މީހުނަށް އޭޑީކޭގައި ފަރުވާ ދެމުން ދާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވަނީ ކުރިން ވިދާޅުވެފައެވެ. އައްފާލް ކުރިން ވިދާޅުވެފައިވާ ގޮތުގައި އަނިޔާވީ ހަތަރު މީހުންނަށެވެ. ނަމަވެސް، މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ބެލްކަނި ވެއްޓި ހަތަރު ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި ބެލްކަނީ ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިންވެސް ވަނީ މާލޭގެ އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވެފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ކޮތަޅަކުން ޖެހި ވަނީ ބަންގްދަލޭޝްގެ ކުޑަ ކުއްޖަކު ވެސް ނިޔާވެފައެވެ. ނަމަވެސް، ގޭގޭގެ ބެލްކަނި ފަދަ ތަންތަން ވެއްޓުން އެހާ އާންމެއް ނޫނެވެ.