ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވީނަމަވެސް، އަދިވެސް ހައްލު ނުލިބި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކްގެ މައްސަލައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އިންޑިއާގެ ޕްރޮފެސަރަކު ކުރި މަސައްކަތުގައި ހިސާބަކަށް މިވަނީ ހަގީގީ ކުލަޖެހެން ފަށާފައެވެ.

މިއީ ޕްރެފެސަރު ސަތީޝް ކުމާރުގެ ވާހަކައެވެ. އޭނާ ވަނީ އަމިއްލަ ޒާތުގައި ނެތިގެން ނުދާ 50 ޓަނުގެ ޕްލާސްޓިކް ބޭނުންކޮށްގެން، ޕެޓްރޯލް އުފައްދާފައެވެ. އަދި އޭނާ މިހާރު ދަނީ ކުދި ވިޔަފާރިތަކަށް، ވަރަށް ހެޔޮ އަގެއްގައި މި ޕެޓްރޯލް ވިއްކަމުންނެވެ. ޕްރެފެސަރު އުފައްދާ ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 40 ރުޕީޒްގައެވެ. މިއީ އިންޑިއާގެ ބާޒާރުގެ ވިޔަފާރިއަށް ބަލާއިރު، ދެބައިކުޅަ އެއްބައި ހެޔޮ އަގެކެވެ.

ޕްރޮފެސަރުގެ ޕެޓްރޯލަކީ މިވަގުތު ވެހިކަލްތަކުގައި ބޭނުންކުރާ ޕެޓްރޯލެއް ނޫނެވެ. ނަމަވެސް މިވަގުތު މި ޕެޓްރޯލް ބޭނުންކުރަމުންދަނީ ކާރުހާނާތަކުގެ މެޝިންތައް ހިންގުމަށެވެ. ޕްރޮފެސަރު ބުނާ ގޮތުގައި ޕީވީސީއާއި ޕެޓް ނޫން އެހެން ހުރިހާ ޒާތެއްގެ ޕްލާސްޓިކަކުން ޕެޓްރޯލް އުފެއްދޭނެއެވެ.

ޕްރޮފެސަރު ބުނާ ގޮތުގައި، މި އުކުޅު ބޭނުންކޮށްގެން، ޕްލާސްޓިކުން ޑީސަލާ ޖެޓްފިއުލްވެސް އުފެއްދިދާނެއެވެ. ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭ ޕްލާސްޓިކްގެ 500 އެއްހާ ޓަނުގެ ޕްލާސްޓިކުން، 400 ލީޓަރުގެ ހަކަތަ އުފެއްދޭނެ ކަމަށް ޕްރޮފެސަރު ވަކާލާތުކުރެއެވެ. މިއީ އެއްވެސް ވަރަކަށް ފެން ބޭނުންވާނެ ހަކަތައެއް ނޫންކަމަށާ، މި ހަކަތަ ބޭނުންކުރުމުން ބޭކާރުވެގެންދާ ފެނެއްވެސް ނުހުންނާނެ ކަމަށާ، މި ހަކަތަ ބޭނުންކުރަމުންދަނީ ވެކިއުމްއެއްގެ ތެރޭގައި ކަމަށް، ޖައްވަށް ބޭރުވެގެންދާ ވިހަ މާއްދަތަކެއްވެސް ނުހުންނާނެކަމަށް ޕްރޮފެސަރު ވަކާލާތު ކުރެއެވެ.

ޕްރޮފެސަރުގެ ކުންފުނިން މިހާރު ދުވާލެއްގެ މައްޗަށް 200 ލީޓަރުގެ ޕެޓްރޯލް އުފައްދާ، ހެޔޮ އަގެއްގައި ބާޒާރަށް ނެރެ، ވިއްކައެވެ.

ސަތީޝް ކުމާރަކީ މެކޭނިކަލް އިންޖިނިއަރިންގް ޕްރޮފެސަރެކެވެ.