ހދ. ހަނިމާދޫގައި ވައްކަމުގެ މައްސަލަ ބޮޑުވެގެން، އެރަށު ޒުވާނުން ނުކުމެ ވައްކަން ކުރާ މީހުން ހޯދާ ފުލުހުންނާ ހަވާލުކުރަން ފަށައިފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަނިމާދޫގައި ވަނީ ރޭވެސް ވައްކަން ކުރި މީހަކު ގަޔަށް ކަޅޮތެޔޮ ޖަހާ މަގުމަތީ ހިންގުވުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައެވެ. އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރަށުތެެރޭގައި ވައްކަން ކުރުމުގެ މައްސަލަ އިތުރުވެގެން ޒުވާނުންތަކެއް ނުކުމެ ވައްކަން ކުރާ މީހުން 'ހިފާ' ފުލުހުންނާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި އެހެން މީހަކު ބުނެފައިވަނީ ރޭ އަތުލ ޒުވާނާ އަތުލައިގަތީ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގެ މަޑި ފަޅާލައި ވައްކަން ކުރަން އުޅެނިކޮށް ކަމަށެވެ. އަދި ވައްކަން ކުރުމުގެ މައްސަލަ އިތުރުވެފައިވާ އިރު، މިކަން ކުރަނީ އެރަށުގައި އޮންނަ ގުރޫޕަކުން ކަމަށް އޭނާ ބުންޏެވެ.

ރޭގައި އަތުލި ޒުވާނާ ފުލުހުންނާ ހަވާލުކުރީ ގަޔަށް ކަޅުތެޔޮ ޖަހާ ކަރުގައި "މަށަކީ ބޮޑު ވަގެއް" ލިޔެފައި އޮތް ބޯޑެއް އެޅުވުމަށްފަހުއެވެ.

ފުލުހުން ބުނީ ހަނިމާދޫގައި ވައްކަން ކުރިކަމަށް ބުނެ 24 އަހަރުގެ ޒުވާނަކު މަގުމަތީގައި ހިންގުވުމަށްފަހު ހަނިމާދޫގައި ހުންނަ ޕޮލިސް ސްޓޭޝަނާއި އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހަނިމާދޫ ކައުންސިލް ރައީސްއަށް ގުޅުމުން، ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި ކައުންސިލް އިދާރާއިން ބުނީ އެފަދަ މައްސަލައެއްގެ މާބޮޑު މައުލޫމާތެއް ލިބިފައި ނެތްކަމަށެވެ.

މިފަދަ މައްސަލަތަކުގައި ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމާ ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް އެފަދަ ކަންކަން ހުށަހަޅައިގެން ކުރިއަށް ދިއުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެ ކުރިން އިލްތިމާސް ކުރައްވާފައެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންނަށް ރައްޔިތުން އިތުބާރު ކުރަން އުނދަގޫވާ ފަދަ ކަންތައްތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ކުށްތައް ހިނގުމުން އެކަން ބެލުމަށް ރިޕޯޓުކޮށް، އެކަންކަން ބެލުން ފުލުހުންނާ ހަވާލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނު ރައްޔިތުންގެ 'އަތްމައްޗަށް ނުނެގުމަށް' ކޮމިޝަނާ ހަމީދު ވަނީ ގޮވާލައްވާފައެވެ.

"ގާނޫނުގެ ވެރިކަމަށް އިހްތިރާމް ކުރުމަށް އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ވެސް ޒިންމާއެއް އެބައޮތް،" ހަމީދުގެ ޓްވީޓްގައި ވެއެވެ.