ޑިޒްނީގެ "ޓޯއީ ސްޓޯރީ 4" ފަހަތަށް ޖައްސާލުމަށް ފަހު ޖަޕާނުގެ އެނިމޭޝަން ކާޓޫން "ސްޕިރިޓަޑް އަވޭ"، ޗައިނާގެ ބޮކްސް އޮފީސްތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އެބަދެއެވެ.

ޗައިނާއިން ހިންގާ އެންމެ ބޮޑު ޓިކެޓިންގް އެޕްލިކޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަފުތާ ބަންދުގައި "ސްޕިރިޓަޑް އަވޭ" އަށްވަނީ 27.7 މިލިއަން ޑޮލަރު ލިބިފައެވެ.

"ޓޯއީ ސްޓޯރީ 4"އަށް ލިބިފައިވަނީ ގާތްގަނޑަކަށް 13.2 މިލިއަން ޑޮލަރެވެ.

"ސްޕިރިޓަޑް އަވޭ" އަކީ 2001 ވަނަ އަހަރުގެ ކާޓޫން ފިލްމެއް ނަމަވެސް، މި ފިލްމް ޗައިނާގައި ރިލީޒްކޮށްފައި މިވަނީ 18 އަހަރުފަހުން، އަދިކިރިޔާއެވެ. މިހާތަނާ ޖެހެންދެން ޗައިނާގެ މީހުން މި ކާޓޫން ފިލްމް ބަލާއުޅުނީ ޑީވީޑީތަކުންނެވެ. ނުވަތަ ވަގަށް ޑައުންލޯޑް ކޮށްފައިވާ ޕައިރެޓް ކޮފީތަކުންނެވެ.

"ސްޕިރިޓަޑް އަވޭ"ގައި ފެނިގެންދަނީ، މައިންބަފައިންނާއެކު ފަޅު ޕާކަކަށްދާ އަންހެން ކުއްޖަކު، ހިޔާލީ ދުނިޔެއަކަށް ގެނބިގެންގޮސް، ކުރިމަތިވާ ހާދިސާތަކެކެވެ.

"ސްޕިރިޓަޑް އަވޭ" އަކީ 'ނޮން-އިންގްލިޝް' ފިލްމަކަށް އެކަޑަމީ އެވޯޑް ހާސިލުކުރި ފުރަތަމަ ފިލްމުވެސްމެއެވެ.