ގެއެއްގެ ބެލްކަނި ވެއްޓި، 4 މީހަކަށް އަނިޔާ ވެއްޖެއެވެ. އަނިޔާވި 4 މީހުނަށް އޭޑީކޭގައި ފަރުވާ ދެމުން ދާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އައްފާލް ވިދާޅުވީ ގެއެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނި ވެއްޓި، އަނިޔާވެގެން ހަތަރު މީހަކު އެ ހޮސްޕިޓަލަށް ގެންގޮސް އެ ހަތަރު މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް، މި ހަތަރު މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އައްފާލް ވިދާޅުވިއެވެ.

އައްފާލް މިހެން ވިދާޅުވެފައި ވާއިރު، ހ. ރުއްދޮށުގޭ ބެލްކަނި ވެއްޓި، ޖެހިގެމް 4 މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ބެލްކަނި ވެއްޓުނީ މި 4 މީހުން މަގުމަތީގައި ތިއްބައެވެެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާއިރު، ބެލްކަނި ވެއްޓި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށް ކަން ވަނީ އެނގިފައެވެ. އަދި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރި ވަމުން ދާއިރު، ބެލްކަނީ ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ސައިކަލު ތަކަށްވެސް ވަނީ ގެއްލުން ވެފައެވެ.