ދޭތެރެ ދޭތެރެއިން ކޯޓު އަޑުއެހުންތަކަށް ދާންޖެހޭ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ގޮވައިގެން ނޫސްވެރިއަކު ކޯޓަށް ހިނގައްޖެއެވެ.

ސަލްމާން ހާން ގޮވައިގެން މިފަހަރު ކޯޓަށް ގޮސްފައިވަނީ ސީނީއާ ޓީވީ ޖާނަލިސްޓެކެވެ.

ސަލްމާންއާއި ދެކޮޅަށް ނޫސްވެރިޔާގެ ދިފާއުގައި ހަރަކާތްތެރިވާ ވަކީލު ނީރާޖު ގުޕްތާ ކޯޓަށް ގޮސްފައިވަނީ، ސަލްމާން އޭނާގެ ހަމަލާ ދީފައިވާކަމަށް ބުނެއެވެ.

މައްސަލަ ބަލަމުންދާ އަންދޭރީގެ މެޓްރޯޕްލިޓަން މެޖިސްޓްރޭޓް ކޯޓުންވަނީ، ފުރައްސާރަކޮށް ހަމަލާ ދިނުމުގެ އިތުރުން ފޭރުމުގެ ދައުވާ ސަލްމާންއާއި ދެކޮޅަށް އުފުލާފައެވެ.

ނީރާޖު ގުޕްތާ ބުނާ ގޮތުގައި މިކަމެއް ހިނގާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން ސަލްމާން ހާން ވަނީ ނޫސްވެރިޔާގެ ފޯނު އަތުލާ، އޭގައިވާ ޑޭޓާ ފޮހެލާފައިވާކަމަށާ، އިންތިހާ ދަރަޖައަށް އޭނާ ފުރައްސާރަކުރި ކަމަށްވެސް ގުޕްތާ ބުނެއެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމަށްވެސް އޭނާގެ ކްލަޔަންޓް މަސައްކަތްކުރި ކަމަށާ، ނަމަވެސް ފުލުހުން އެކަމަށް އަޅާލުން ނުދިމުގެ ސަބަބުން މައްސަލަ ކުރިއަށް ނުގެންދެވިފައިވާކަމަށްވެސް ގުޕްތާ ބުނެއެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ ޖުލައި 12 ގައި ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.