މިމަހުގެ 20 ވަނަ ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހިނގާފައިވާ 3 މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ބަލަމުން ދަނީ މިމަހުގެ 20 ވަނަ ދުވަހު ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުމުގައި ގައިޖީއަކު ޖަލު ބަލަހައްޓާ އޮފިސަރަށް ހަމަލާދިން މައްސަލައާއި ކަރެކްޝަނުގެ އޮފިސަރަކަށް މާފުށިން ބަޔަކު ހަމަލާ ދިން މައްސަލަ އާއި، މާފުށީ ޖަލުގެ ގޭޓު ކުރިމައްޗަށް ބަޔަކު އެއްވެ ހަޅުތާލު ކުރި މައްސަލަކަމަށެވެ.
ގައިދީ ޖަލަށް ގަވައިދާ ހިލާފަށް އެއްޗެއް ވެއްދުަމަށް ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރުގެ ކިބައިން އެދުމުން އެކަމަށް އިންކާރު ކުރުމާ ގުޅިގެން އެ ގައިދީ ޖަލު ބަލަހައްޓަމުން ދިޔަ ކަރެކްޝަންސް ގެ އޮފިސަރަށް ހަމަލާދީ ހިންގި ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހަމަނުޖެހުމުގައި ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަށް ވަނީ އަނިޔާ ލިބިފައެވެ.
މާފުށީ މަގުމަތީގައި ހިނގާފައި ދަނިކޮށް އެރަށުގެ ބަޔަކު ކަރެކްޝަނުގެ އޮފިސަރަކަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ފުލުހުން ބަލަމުން ދަނީ މިމަހުގެ 23 ވަނަ ދުވަހު މާފުށީ ޖަލުގެ ގޭޓު ކުރިމައްޗަށް ބަޔަކު އެއްވެ ހަލުތާލު ކުރި މައްސަލައެވެ. ފުލުހުން ބުނީ އެމީހުން ޖަލުގެ ގޭޓު ކުރިމައްޗަށް އެއްވެ ހަޅުތާލު ކޮށްފައި ވަނީ އެ ދުވަހުގެ ހަވީރު 4:45 ހާއިރު ކަމަށެވެ.
އެހެން ނަމަވެސް މި ދެމައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، މި މައްސަލަތަކާ ގުޅިގެން މާފުށީގެ ރަށުތެރެ ބެލެހެއްޓުން ފުލުހުން އިތުރަށް ވަރުގަދަ ކޮށްފައި ވާކަމަށެވެ.
މާފުށީ ޖަލުގައި މިމަހުގެ 20 ވަނަ ދުވަހު ހިނގާފައިވާ ހަމަ ނުޖެހުމާ ޖަލުގައި ތިބި ގައިދީންނަށް ޖަލު ބަލަހައްޓާ އޮފިސަރުން އަނިޔާ ކުރި ކަމަށް ބުނެ ޖަލުގެ އިސް އޮފިސަރަކު ވަނީ ސަސްޕެންޑުކޮށްފައެވެ.
މި ހަމަނުޖެހުމާ ގުޅިގެން ޖަލުގައި ތިބި އޮފިސަރުން ވަނީ ބައެއް ގައިދީންގެ ބޯ ބާލާފައެވެ. މިކަން މާފުށީ ޖަލުގައި ތިބި އޮފިސަރުން ދޮގުކޮށްފައި ވަނިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ވަޑައިގަތުމަށް ފަހު މީޑިއާތަކަށް ދެއްވި ބަސްތީގަތުމެއްގައި އެކަން ވަނީ ހާމަކުރައްވާފައެވެ.
ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ގައިދީން ޖަލުގައި އަދިވެސް ހަޅުތާލު ކުރަމުން ދާ ކަމަށް ވަނީ ރިޕޯޓުތައް ލިބިފައެވެ.