ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ރަޝިއާއަށް ކުރައްވާ ރަސްމީ ދަތުރަފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފާއި ބައްދަލު ކުރައްވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މިއީ ރާއްޖެއާއި ރަޝިއާގެ ފޮރިން މިނިސްޓަރުން ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ފުރަތަމަ ފަހަރުކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ލަވްރޯފްއާއި ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިއާއިން ލިބޭނެއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމާއި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާ އެކު އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ އެއްބަސް ވުމެއް ކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހުމަދު ހަލީލާއި، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މަރިޔަމް އާސިފްއެވެ.