މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ކަމަށް އިދިކޮޅު ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލުނު މައްސަލައިގައި އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައު ހުރި ކުއްޖަކު ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެފައިވާ އިރު، އެޖުއްކާއާ ބެހޭ އެއްވެސް ހަބަރެއް މިހާތަނަށް ލިބިފައި ނުވާތީ ކޮންގްރެސް ޕާޓީން ކަންބޮޑުވާ ކަމަށެވެ.

އަދި އެކުއްޖާ ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށް މައުލޫމާތު ހޯދުމަށް އެދުނު އިރު، އެ ކުއްޖާއަކީ ކޮންތާކު ދިރިއުޅޭ ކޮން ގެއެއްގެ ކޮންރަށެއްގެ ކުއްޖެއްކަން ހާމަކޮށްފައި ނުވާކަމަށް އެ ޕާޓީން ބުނެއެވެ. އަދި ޝައިމް ގެއްލުނީ ހިޔާގައި ހުއްޓާކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ދާ އިރު، މިކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

"މި ޕާޓީން ދެކޭގޮތުގައި މިފަދަ ކަންކަން ހިނގަމުންދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާކަމެއް ނެތް ދޯދިޔާ ސިޔާސަތުގެ ސަބަބުންނެވެ. އަދި ހަމައެހެންމެ މިކަމުގައި ޖެންޑާ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން މި ޕާޓީން ފާހަގަ ކުރަމެވެ،"
ޕީއެންސީ

ޕީއެންސީން ބުނީ ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭކުދިން ބަލަހައްޓާ ތަނަކަށަވުމާއި، އެ ތަނަކީ ކުޑަކުދިންނަށް ސަލާމަތާއި ރައްކާތެރި ތަނަކަށް ހެދުމާއި، އެކުދިން އެންމެ ފުރިހަމައަށް ބެލެހެއްޓުމާއި، އެކަންކަން އެންމެ ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ޖެންޑާއަށް ކަމަށްވެފައި، އެ މިނިސްޓްރީ އެކަމަށް އިހުމާލުވެފައިވާކަމަށް ޕީއެންސީން ބުނެއެވެ.

އެ ޕާޓީން ވަނީ މި މައްސަލައިގެ ސައްހަ މައުލޫމާތު އޮޅުވާނުލާ ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރަކީ މީގެ ކުރިން ވ. ރަކީދޫގައި އިހާނެތިކޮށް މަރާލެވުނު އިބްތިހާލު މައްސަލައިގައި ވެސް އިހުމާލުވެފައިވާ ފަރާތަކެއް ކަމަށް ބުނެ އެ ޕާޓީން ވަނީ އެފަދަ ފަރާތަކަށް ޖެންޑާ ފަދަ މުހިންމު މުޒާރާއެއް ހިންގިދާނެކަމަށް ގަބޫލުނުކުރާކަމަށް ބުނެފައެެވެ.

އެ ޕާޓީން ވަނީ ޝައިމް ގެއްލުނު މައްސަލައިގައި ފުރިހަމަ ތަހުގީގެ ހިންގުމަށްފަހު އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ޝައިމް މައްސަލައިގައި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވާ އޮޅުވާލުމަކީ ރައްޔިތުންނާ މެދު، އިހާނެތިވުންކަމަށް ބުނެ ޕީއެންސީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.