މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ތަކަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރޭ އެ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވުމަފަހު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ނިންމެވީ ޖަލުގެ ހަމަނުޖެހުންތަކަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މެންބަރުން ވަނީ މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ނިންމަވާފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާަވާފައިވަނީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، މިވަގުތު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ގައުމީ ސަލާމަތަށް މިވަގުތު ނުރައްކަލެއް ނެތްކަމަށެވެ.
ކޮމިޓީން ވަނީ މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލައަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލައެއް ކަމަށް ބަލައި އެ މައްސަލަ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލާގޮތަށް ނިންމާފައެވެ. އަދި އެ މަސައްކަތް އެ ކޮމިޓީއާއި ހަވާލުކުރަން ފޮނުއްވާނެކަމަށް ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފު ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، މުނާޒާ ސުވާލުކޮށް ޖަލުގެ ހަމަނުޖެހުން ހިނގައިދިޔަ ގޮތް ސާފުކުރުމުން ތިން ކަމެއް ފާހަގަވި ކަމަށެވެ. އޭގެ ތެރޭގައި ޖަލުގައި އެކަށިގެންވާ ވަސީލަތް ނެތުމާއި ގައިދީން ބެލެހެއްޓުމަށް އެކަށީގެންވާ ވަރަށް އޮފިސަރުން ނެތުމުގެ އިތުރުން ޖަލުގެ ބައެއް ބައިގައި ވަށައިގެން ފާރު ރޭނުން މުހިންމުކަން ފާހަގަކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ޖަލުގައި ހިނގައިދިޔަ ކަންތައްތަކާއި ބެހޭގޮތުން އަޅަންޖެހޭ ކަމަށް މުނާޒު ރެކަމަންޑްކުރެއްވި ކަންކަން ސަރުކާރަށް ހުށަހެޅުމަށް ނިންމާފައެވެ. އަދި ކޮމިޓީން ބެލި މި މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލައި އެކަންކަން ރިޕޯޓުގައި ހިމެނުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.