މާފުށި ޖަލުގެ ބައެއް ޔުނިޓްތަކުން ނުރައްކާ ތަކެތި ހޯދަން ބަލާ ފާސްކުރަން ނިންމާފައިވާ އިރު މަންޒަރާއި އަޑު ރިކޯޑް ކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކ. މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓްގެ ކެމެރާތައް ތަޅާލާފައިވާތީ ޖަލުގެ ސަލާމާތަށް ނުރައްކާވާ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓް ބަލާ ފާސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ކޮމިޝަނާ އޮފް ޕްރިޒަންސްއާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ ހާޒިރުގައި އެތަން ބަލާ ފާސްކުރެވެމުން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާއިރު އޯޑިއޯ އަދި ވީޑިއޯ ރިކޯޑް ކުރެވިގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިހާރު އެ ޔުނިޓް ބަލައި ފާސްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ ކަމަށެވެ. ޖަލު ބަލާ ފަށްކުރުމުގެ އޮޕަރޭޝަން ކުރިއަށް ދާނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހްލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ބާރުގެ ބޭނުން ކުރާނީ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާއި އެކަށީގެންވާ އެންމެ ދަށް މިންވަރަށްކަން ހޯމް މިނިސްޓްރީން ކަށަަވަރު ކުރާނެ ކަމަށް ވެސް ބުނެއެވެ.

މި ދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ޖަލުގެ ކަންކަން އާންމު ހާލަތުގައި ދެމެހެއްޓުމަށް އެކި ކަހަލަ ގޮން ޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަން ހޯމް މިނިސްޓްރީން ފާހަގަކުރެއެވެ. މި ހަމަނުޖެހުމުގައި ކަރެކްޝަންސްގެ އޮފިސަރަކަށް އަނިޔާވެފައިވާއިރު، ހަތް ގައިދީއަކަށް ވަނީ އަނިޔާވެފައެވެ. އަދި މި ހަމަނުޖެހުމުގައި ގައިދީންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.