މާފުށީ ޖަލުގައި ހިނގާ ދިޔަ ހަމަ ނުޖެހުންތަކުގައި ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ކަމާގުޅުން ހުރި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ޖަލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް، އެކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރުމަށް ނިންމީ މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބަައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރުމަށް ނިންމާފައިވަނީ އަންނަ ހޯމަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށެވެ.

މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ، ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ވެރިންނެވެ. މި މުއައްސަސާތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރު ކުރަން ކޮމިޓީއަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. އިމްތިޔާޒްގެ އެ ހުށަހެޅުއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ވަނީ ތާއިދު ކުރައްވާފައެވެ.

އިމްތިޔާޒު ފަހުމީ ވިދާޅުވީ، މިހާރު މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހަމަ ނުޖެހުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ހޯދާ ހޯދުންތައް ޖަލު އޮޑިޓް ކޮމިޓީއަށް ހިއްސާ ކުރަންޖެހޭ ކަމަށެވެ. އަދި ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ވީހާވެސް އަވަހަށް ހައްލު ކުރުމަކީ މުހިންމު ކަމެއް ކަން މިހާރު ޔަގީންވާ ކަމަށާއި މި ސަރުކާރު އައުމުގެ ބޭނުމަކީ އަނިޔާވެރިކަން ނައްތާލުން ކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މުއައްސަސާތަކުން މާފުށި ޖަލުގެ ހާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ކޮމިޓީއަށް ފޮނުވަން އެންގުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު (ފިއްޓެ) ވަނީ ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުން ވެސް ފާސްވެފައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.