ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ގައިދީއަކު ހަމަލާދީ ހިންގި ހަމަނުޖެހުމާ ގުޅިގެން ކުށްވެރި ވަނީ ގައިދީން ނުވަތަ ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރުންތޯ ބެލުމަށް މި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވެފައި ވަނީ ޖަލުގައި ތިބި ގައިދީނާއި ޖަލު ބަލަހައްޓާ އޮފިސަރުންގެ ތެރޭގައި ވެސް ރަނގަޅާއި ނުބައި މީހުން ތިބި ކަމަށެވެ. އަދި ޖަލުގައި ހިނގާފައިވާ ހަމަނުޖެހުމުގެ އަސްލު އެނގޭނީ ތަހުގީގު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ގަދަ ކަމަކީ" އެފަދަ ކަންކަން ސިއްރުނުކޮށް ބަލަން ފަސްނުޖެހުން ކަަމަށް މަހްލޫފް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހަމަލާ ދީފައި ވާކަމަށް ކަރެކްޝަންސް އިން ބުނެެފައި ވެއެވެ. މި ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާދީފައި ވަނީ ގައިދީއަކު އިސްވެ ހުރެގެން ކަމަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ ކަރެކްޝަންސް އިން އެހާދިސާ އާ ގުޅިގެން ހާލަތާ ނުބައްދަލު ފިޔަވަޅު އަޅައި ޖަލުގައި ތިބި ގައިދީންނަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކޮށް މިކަމުގާ އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނެ ކަމުގެ ޔަގީން ކަންވެސް ހޯމް މިނިސްޓްރީން ވަނީ ދީފައެވެ.

މީގެ އިތުރުން ޖަލުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމުގައި ޖަލުގައި ތިބި ގައިދީންނަށް އަނިޔާކޮށްފައި ވުމުން އެފަރާތްތަކަށް ބެސްފަރުވާގެ ހިދުމަތް ލަސްނުކޮށް ހަމަޖައްސައި ދިނުމަށް ހޯމް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.