އދިން ކަނޑައަޅާފައިވާ ޓެރަރިސްޓުން ޕާކިސްތާނުގެ ފަސްގަނޑުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅާފައިވާ އެކްޝަން ޕްލޭން ތަންފީޒުކޮށް، މިއަހަރުގެ އޮކްޓޯބަރު މަސް އަންނަންވާއިރު އެކަން ނިންމުމަށް ފެއިލްވެއްޖެނަމަ، ޕާކިސްތާނު ބްލެކްލިސްޓް ކުރަންޖެހިދާނެ ކަމުގެ އިންޒާރު، ޓެރަރިޒަމަށް ފަންޑުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ކަމުގައިވާ ފައިނޭޝަލް އެކްޝަން ޓާސްކް ފޯސް (އެފް.އޭ.ޓީ.އެފް) އިން ދީފިއެވެ.

ބައިނަލްއަގުވާމީ ފާރުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފައިނޭޝަލް އެކްޝަން ޓާސްކް ފޯސްއިން ޕާކިސްތާނު މިހާރު ހިމަނާފައި އޮތީ ގްރޭލިސްޓުގައެވެ. މިއީ ކަޅުފައިސާ ދޮވުމާ ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ފައިސާގެ ޣައިރު ގާނޫނީ މުއާމަލާތްތައް ހުއްޓުވުމަށް އެކަށީގެންވާ ކޮންޓްރޯލް ލިބިފައިނުވާ ގައުމުތައް ހިމަނާފައިވާ ގިންތިއެކެވެ.

މި ގިންތިން، ބްލެކްޓްލިސްޓުގެ ގިންތިއަށް ބަދަލުކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުރައްކަލަށް އެ ގައުމު ހުށަހެޅިގެންދާނެކަމެވެ.

ފައިނޭޝަލް އެކްޝަން ޓާސްކް ފޯސްގައި ހިމެނޭ ބައެއް ގައުމުތަކުންވަނީ، ޓެރަރިސްޓުންނާ ދެކޮޅަށް ޕާކިސްތާނުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމުގެ ޝަކުވާ އުފުލާފައެވެ. މި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ޒަމާންވީ ހަތުރު ކަމުގައިވާ އިންޑިއާވެސް ހިމެނެއެވެ.