މިމަހުގެ 20 ވަަނ ދުވަހު ޖަލުގަިއި ގައިދީ އަކު ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހަމަލާ ދީ ހިންގި ހަމަނުޖެހުމާ ގުޅިގެން ގައިދީންނަށް އަނިޔާކޮށް، އެކަން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ މައްސަލައާ ގުޅިގެން އެފަދަ ކަންކަން އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ޖަލުގެ އިންތިޒާމުތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މާފުށީ ޖަލުގައި ހިނގާ ދިޔަ ހާދިސާއާ ގުޅިގެން ޖަލުގައި ތިބި ގައިދީންނަށް ޖިސްމާނީ ގޮތުން އަނިޔާ ކޮށް ހާލަތާ ނުބައްދަލު މިންވަރަށް، ބާރުގެ ބޭނުންކޮށްފައި ވާ މައްސަލައަކީ ސަރުކާރުން ބަލައިގަންނާނެ މައްސަލައެއް ނޫން ކަމަށާ، ސަރުކާރުން މިކަން ހިންގި ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މީގެ އިތުރުން މިފަދަ ކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު ތައް އަޅާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީ އިން ބުނީ އިންސްޕެކްޓާ އޮފް ޕްރިޒަނާ ވަނީ ޖަލަށް ޒިޔާރަތް ކުރައްވައި އެތަނުގައި ހިނގާ ދިޔަ ހާދިސާއާ ބެހޭގޮތުން ޖަލުގައި ތިއްބެވި އިސްފަރާތްތަކާ ސުވާލު ކުރަށްވާފައި ކަމަށެވެ. އެގޮތުން ސުވާލުކޮށް ބެލި ބެލުމުން އެނގިފައި ވަނީ ޖަލުގައި ހިނގި ހާދިސާއާ ގުޅިގެން ހާލަތާ ނުބައްދަލު ފިޔަވަޅު އަޅާ، ޖަލުގައި ތިބި ގައިދީންނަށް ކަރެކްޝަނުގެ އޮފިސަރުންގެ ފަރާތުން ޖިސްމާނީ އަނިޔާ ދީފައި ވާކަން ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެެވެ.
މި ހަމަނުޖެހުމުގައި ގައިދީންތަކެއްގެ ބޯ ބޭލުމުގެ އިތުރުން އެމީހުންގެ ކުރިމަތި ފަރާތަށާ ފުރަގަސް ފަރާތަށް ޕެޕާ ސުޕްރޭ ޖަހާފައި ވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް ގައިދީންތަކެއްގެ ބޯ ބޭލިކަމަށް ދެކެވޭ ވާހަކަ ކަރެކްޝަނުން ވަނީ ދޮގު ކޮށްފައެވެ.
އަދި މިކަމާ ގުޅިގެން އަނިޔާ ލިބުނު ގައިދީންނަށް، ލަސްނުކޮށް އެކަށީގެން ވާ ސިއްހީ ފަރުވާ ދިނުމަށާ އެހެނިހެން ކަންކަމާ ގުޅޭގޮތުން، މާފުށީ ޖަލުގެ އިސް ފަރާތްތަކަށް އިރުޝާދު ދީފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މި ހަމަނުޖެހުމުގައި އަނިޔާ ލިބުނު ޖަލު ބަލަހައްޓާ އޮފިސަރަށް ލިބުނު އަނިޔާ ތަކާ ގުޅިގެން، އޭނާއަށް މާފުށީ ހޮސްޕިޓަލުގެ އިތުރުން، މާލެގެނެސް އައިޖީއެމްއެޗުގައި އެޑްމިޓުކޮށް ވަނީ ފަރުވާ ދީފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ ގައިދީންނާ މެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނެ ކަމަށެވެ. އެހެން ނަމަވެސް މިކަމުގާ ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުއްވުމަކީވެސް ކުރައްވާނެ ކަމެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މިއަދު ހެނދުނު 11 ޖަހާއިރު ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އަށް ކަރެކްޝަނުސް ސާވިސް ހާޒިރުކޮށް މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ހަމަޖެހިފައި ވާކަމަށް މަޖިލީސް އިދާރާއިން ވަނީ ބުނެފައެވެ.