މާފުށީ ޖަލުގައި ގައިދީން ތަކެއްގެ ބޯ ބޭލި ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސް އިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ޖަލުގައި ގައިދީން ބޯ ބެލިކަމަށް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖަލުގައި އިއްޔެ ހިނގާފައިވާ ހަމަނުޖެހުމާ ގުޅިގެން ގައިދީންގެ ބޯ ބޭލުމުގެ އިތުރުން، ގައިދީތަކެއްގެ ފުރަގަސް ފަރާތަށާ އަދި ކުރިމަތި ފަރާތަށް ޖަލު ބަލަހައްޓަމުންދިޔަ އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައި ވާ ކަމަށް ވެސް ވެއެވެ. ކަރެކްޝަންސް އިން ބުނެފައިވަނީ އިއްޔެ ހިނގާފައިވާ ކަންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކަރެކްޝަނުން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
އިއްޔެ ޖަލުގައި ހިނގާފައިވާ ހަމަނުޖެހުމުގައި ގައިދީއަކު ވަނީ ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހަމަލާދީފައެވެ. މި ހަމަނުޖެހުން ހިގާފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. މި ހަމަނުޖެހުމުގައި އަނިޔާވި ޖަލު އޮފިސަރަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައެވެ.
މިކަމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ކަރެކްޝަނަލް ސާވިސް އަބްދުﷲ މުނާޒް ވިދާޅުވެފައި ވަނީ، ޖަލުގައި ގައިދީ އަކު ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް އަނިޔާ ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ޖަލަށް އެއްޗެހިތަކެއް ވެއްދުމަށް އެ އޮފިސަރު އެއްބާރުލުން ނުދިނުމުން ކަމަށެވެ.
މި މައްސަލަ މާދަމާ ހެނދުނު 11 ޖަހާއިރު ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އިން ބެލުމަށް ވަނީ ހަމަޖެހިފައވެ.