ފިހާރައެއްގެ ތެރޭގައި މީހަކަށް ހަނދާން ނެތިގެން ބޭއްވުނު ވޮލެޓެއް ވަގަށް ނަގާ ވައްކަން ކުރި ދެމަފިރިން އެ ވޮލެޓު ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ ވޮލެޓު ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާ، އެ ވޮލެޓު އަނބުރާ ފުލުހުންނާ ހަވާލު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ ވޮލެޓު ފުލުހުންނާ ހަވާލު ކުރި އިރު އެ ވޮލެޓުގައި ފައިސާ ހުރި ވަރާއި، އެ ވޮލެޓުގައި ހުންނާނެ ކަމަށް ވެރިފަރާތުން ބުނެފައިވާ އަދަދަށް ފައިސާ ހުރިކަންވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ވޮލެޓުގެ މައްސަލް ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައިވެސް ވަނީ ހޫނު ވެފައެވެ. އެ ވޮލެޓު ހަނދާން ނެތުމުގެ ސަބަބުން ފިހާރައެއްގެ ކައުންޓަރު މަތީގައި ބާއްވައިފައި ދިޔައީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭނާ ވިޔަފާރި ކުރުމަށް ފަހު ނިކުމެގެން ނުދެވެނީސް އެ ފިހާރައިގެ ކައުންޓަރު ކައިރިއަށް ދިޔަ ދެމަފިރިއަކު ވަނީ އެ ވޮލެޓު ނެގުމަށް ފަހު އެއިން ވިޔަފާރި ކޮށްފައެވެ. މިކަމާ ގުޅިގެން އެ ވޮލެޓުން ވިޔަފާރި ކުރި ދެމަފިރިންނަށް ސޯޝަލް މީޑިއާގައި ވަނީ އެކި ފަރާތްތަކުން ފާޑު ކިޔާފައެވެ.

ފުލުހުން ބުނީ މިހާރު ވޮލެޓުގެ ވެރިފަރާތް ހޯދިފައި ވާކަމަށާ އޭނާ ފުލުހަށް ހާޒިރުވުމުން ވޮލެޓް އަނބުރާ އޭނާއާ ހަވާލު ކުރާނެ ކަމަށެވެ.

މިހާތަނަށް މިކަމާ ގުޅިގެން ފުލުހުން އެ ދެމަފިރިންނާ މެދު ފިޔަވަޅެއް އަޅާފައި ނުވާކަމަށާ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.