އިއްޔެ ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ގައިދީއަކު ހަމަލާ ދިނީ އޭނާ ގަވައިދާ ހިލާފަށް ޖަލައް ވައްދަން އުޅުނު އެއްޗެހި ވެއްދުމަށް އެހީ ނުވުމުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޖަލު އޮފިސަރުން ނަކީ ރިސްކު ބޮޑު މަސައްކަތެއް ކުރަމުންދާ ބައެއް ކަމަށެވެ.
މުނާޒް ޓްވީޓު ކޮށްފައި ވަނީ އިއްޔެ އަނިޔާ ލިބުނު ޖަލު ބަލަހައްޓާ އޮފިސަރުގެ ފޮޓޯއަކާވެސް އެކުގައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި މި ހާދިސާގައި އޭނާގެ ކަރަށާއި އަތަށް ވަނީ ގެއްލުން ވެފައެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާއަށް ލިބުނު ގެއްލުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މި ހާދިސާ ހުއްޓުވުމަށް މާފުށީ ޖަލުން އަޅާފައި ވަނީ ކަމާ ނުބައްދަލު ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ނަމަވެސް މިކަން ހުއްޓުވުމަށް ކަރެކްޝަނަލް ސާވިސް އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ހޯމް މިނިސްޓްރީން ބުނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. އަދި މި ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާ ދީފައި ވަނީ ގައިދީ އަކު އިސްވެ ހުރެގެން ކަމަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ 3 ދުވަސް ކުރިން ވެސް ވަނީ ގަވައިދާ ހިލާފަށް ޖަލަށް އެތެރެ ކުރަން އުޅެނު ސިމް ކާޑުތަކަކާ ފޯނު ބެޓެރި ތަކެއް އަތުލައިގެންފައެވެ. އަދި މީގެ އިތުރުން ބޭސް ފަރުވާއަށް މާލެ ގެނެވުނު ގައިދީއަކު ފައިވާނުގެ ބައެއް ކަނޑައި ފައިވާނުގެ ތެރެއަށް ލައިގެން ޖަލަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ފޯނެއްވެސް ވަނީ އަތުލައި ގެންފައެވެ.