އިއްޔެ ޖަލުގައި ހިނގި ހާދިސާ ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އިއްޔެ ޖަލުގައި ހިނގާފައިވާ ހާދިސާއާ ގުޅިގެން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށްފައި ވާކަމަށާ، މިކަމާ ގުޅޭގޮތުން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭގޮތުން އެ ފަރާތްތަކުން ދީފައިވާ މައުލޫމާތުން، ޖަލުގައި ހިނގި ހާދިސާ ކޮންޓްރޯލު ކުރުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައި ވާކަން އެނގިފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ޖަލުގައި އިއްޔެ ހިނގި ހާދިސާ ހިނގަން މެދުވެރިވެފައިވާ ސަބަބާ އަދި އެހެން އެއްވެސް މައުލުމާތެއް މިހާތަނަށް ކަރެކްޝަން އިން އަދި ހޯމް މިނިސްޓްރީ އިން ވެސް ހާމަ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިކަމުގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުންފައެވެ.
ނަމަވެސް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަލުގައި ގައިދީ އަކު އޮފިސަރަށް ހަމަލާ ދީފައި ވަނީ ދަގަނޑު ބުރިއަކުންނެވެ. އަދި ދަގަނޑު ބުރިން ޖެހުމުގެ ސަބަބުން އޮފިސަރުގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
މި ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާ ދީފައި ވަނީ ގައިދީ އަކު އިސްވެ ހުރެގެން ކަމަށް ބެލި ބެލުމުން އެނގިފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.