އއ. ތޮއްޑޫ ގެސްޓު ހައުސް އަކުން ގިނަ އަދަދެއް ބަނގުރާ އަތުލައިގެންފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ގެސްޓު ހައުސް އިން ބަނގުރާ ފުޅީގެ 67 ފުޅިއާއި، 74 ދަޅު އަތުލައިގެންފައި ވާކަމަށެވެ. ފުލުހުން އެ ގެސްޓު ހައުސް ބަލާ ފާސްކޮށްފައި ވަނީ ބަނގުރާ ގެންގުޅޭ ކަމަށާ ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ގެސްޓު ހައުސް ބަލާ ފާސްކޮށްފައި ވަނީ ރޭގެ ވަގުތެއްގާ ކަމަށާ، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވަނީ ވަރަށް ފަހުން މާލޭގެ ގެއެއްގައި ގިނަ އަދަދަކަށް ބަނގުރާ އުފައްދައި ވިއްކަމުން ދަނިކޮށް އެކަން ހުއްޓުވާ، އެކަން ކުރާ މީހުން ހައްޔަރު ކޮށްފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަކީ މަނާ ކަމެކެވެ. ރާއްޖޭގެ ރިސޯޓުތަކުން ވެސް ރާ ވިއްކޭނީ ސަރުކާރުންދޭ ހާއްސަ ހުއްދައަކާ އެކުއެވެ.