ޕާކިސްތާނުގެ މީޑިއާއަކީ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ފެތުރުމުގެ ވިސްނުމެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު، ފާކިސްތާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާގެ ހާރިޖިއްޔާއިން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ، ޕާކިސްތާނާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށް ބުނެ، ޕާކިސްތާނުގެ މީޑިއާއިން އާންމު ކުރަމުންދާ ޚަބަރުތަކަށް ރައްދު ދެއްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރަވީޝް ކުމާރު ވިދާޅުވީ، އިންޑިއާއިން ޕާކިސްތާނަށް ފޮނުވާފާނީ ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ފޮނުވަންޖެހޭ ސިޓީއެއް ކަމަށެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރެއް، ނަރޭންދްރާ މޯދީ ކަށަވަރުކުރެއްވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނަންފުޅުގައި ލިބުނު ސިޓީގެ ޖަވާބުގައި އިންޑިއާގެ ބޮޑުވަޒީރުގެ ނަންފުޅުގައި ފޮނުވި ސިޓީއެއް ކަމަށެވެ.

ރަވީޝް ކުމާރު އިތުރަށް ވިދާޅުވީ ޕާކިސްތާނާ މެދު އިންޑިއާއިން ގެންގުޅޭ ފިކުރަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާ، ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށްޓަކައި ޓެރަރިޒަމްއާއި ހަމަނުޖެހުންތަކުން ސަލާމަތްވެފައިވާ ވެއްޓެއް ގާއިމުކުރަންޖެހޭ ކަމަށް އިންޑިއާގެ ސިޓީގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

ޕާކިސްތާނުން "މަތިހަދައިގެން" ތިބެ ދައްކާހާ ދަޅައަކަށް އިންޑިއާއިން ނުހެއްލޭނެ ކަމަށާ، ޕާކިސްތާނުން ގެންނަންޖެހިފައިވާ ބަދަލުތަކަކީ ދާއިމީ ގޮތެއްގައި ގެނެވޭ ބަދަލުތަކަކަށް ވާންޖެހޭ ކަމަށްވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން މިހާރު އިންތިހާއަށް ނުތަނަވަސްވެފައިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ޓެރަރިސްޓް ހަމަލާދީ، އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންތަކެއް މަރާލި ހާދިސާއާއި ގުޅިގެން، ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ އަސްކަރިއްޔާއިން ވަތް މައްސަލައާއި ގުޅިގެންނެވެ.