މާފުށި ޖަލުގައި ގައިދީއަކު ޖަލު ބަލަހައްޓަމުން ދިޔަ އޮފިސަރަކަށް ހަމަލާ ދީފައި ވާކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
ކަރެކްޝަން އިން ބުނީ ހަމަލާ ދީފައިވާ އޮފިސަރު މިހާރު މާލެ ގެންގޮސް ފަރުވާ ދެމުން ދާކަމަށާ، އޮފިސަރަށް ލިބިފައިވާ އަނިޔާ ތަކާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. މީގެ އިތުރުން މިހާރު ޖަލުގައި ހަމަލާ ދިން ގައިދީ, ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި އަތުލާފައި ވާކަމަށާ، މާފުށީ ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.
މިކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވެސް (އެޗް.އާރު.ސީ.އެމް) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިކަން އެ ކޮމިޝަނުގެ ފަރާތުން ތަހުގީގު ކުރަމުން ދާކަމަށެވެ.
ކަރެކްޝަން އިން މައުލުމާތު ދެމުން ބުނެފައި ވަނީ މި ހާދިސާ ހިނގައިފައި ވަނީ މިއަދު އިރު އޮއްސުނު ވަގުތު ކަމަށާ އަދި މި ހާދިސާއާ މެދު މާބޮޑު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަލުގައި ގައިދީ އޮފިސަރަށް ހަމަލާ ދީފައި ވަނީ ދަގަނޑު ބުރިއަކުންނެވެ. އަދި ދަގަނޑު ބުރިން ޖެހުމުގެ ސަބަބުން އޮފިސަރުގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
މީގެ ކުރިންވެސް ޖަލުގެ ގޮޅިތައް ޗެކް ކުރުމުގެ ތެރޭގައި ޖަލު ބަލަހައްޓާ އޮފިސަރުންނަށް ގައިދީން ހަމަލާ ދިނުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެހެން ނަމަވެސް މިއަދުގެ ހާދިސާ ހިގާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ކަރެކްޝަނުން ބުނެފައެއް ނުވެއެވެ.
ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ޖަލުގައި ތިބޭ ގައިދީންނަށް ޖަލު ބަހައްޓާ ފަރާތްތަކުން އަނިޔާ ކުރާކަމަށް ބުނެ މިރޭ ޓްވީޓެއް ކުރައްވާފައެވެ.