ފިލްމީ ދުނިޔޭގައި އިތުރު ތައާރަފަކަށް ބޭނުން ނުވާ ޖެނިފާ އެނިސްޓަންއާއި އެޑަމް ސެންޑްލާ އެކްޓިންގް ފެނިގެންދާ އެންމެ ފަހުގެ ފިލްމް "މާޑާ މިސްޓްރީ" ވަނީ، އެކުންފުނީގެ ވިއުއިންގް ރެކޯޑްތައް މުގުރާލާފައިކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިދުމަތްދެމުންދާ ނެޓްފްލިކްސްއިން ބުނެފިއެވެ.

ނެޓްފްލިކްސް ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޮންލައިން ޕްލެޓްފޯމަށް ފިލްމު ދޫކޮށްލިތާ 3 ދުވަހުގެ ތެރޭގައި، 30.9 މިލިއަން އެކައުންޓުން މި ފިލްމު ބަލާފައިވާކަމަށެވެ.

ނެޓްފިލިކްސްގެ ތަރުޖަމާނަކު ވިދާޅުވީ އެކައުންޓަކުން ފިލްމު ބެލިކަމަށް ކަނޑައަޅާފައިވާނީ، ފިލްމުގެ %70 ބެލުމުން އެކަނިކަމަށެވެ.

ޖޫން 14 ވަނަ ދުވަހު ރިލީޒްކުރި "މާޑާ މިސްޓްރީ" އަކީ "ޑެޑްޕޫލް"ގެ ތަރި ރާޔަން ރެނާލްޑްސްގެ އުފެއްދުމެކެވެ. ފިލްމުގެ ލީޑުން ފެނިގެންދާ ޖެނިފާ އެނިސްޓަންއާއި އެޑަމް ސޭންޑްލާ އެއް ފިލްމަކުން އެންމެ ފަހުން ފެނިވަނީ 2011 ވަނަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ޖަސްޓް ގޯ ވިތް އިޓް"އިންނެވެ.