ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް 2 ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ފައްޓަވަން ބޭނުންފުޅު ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ސިޓީފުޅެއް ފޮނުއްވާފައި ވާކަމަށް ބުނެ ޕާކިސްތާނު މީޑިއާގައި ދައުރުވަމުންދާ ޚަބަރުތައް، އިންޑިއާއިން ދޮގުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް މީގެ ކުރިން އިމްރާން ފޮނުއްވި ސިޓީފުޅާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނީ އިންޑިއާއަކީ އަވަށްޓެރި ގައުމުތަކާއެކު އާދައިގެ މަތިން ގުޅުން ބާއްވަން ބޭނުންވާ ގައުމެއްކަމަށް ޕާކިސްތާނަށް އަންގައިފާނެ ކަމަށާ އެގައުމުތަކުގެ ތެރޭގައި ޕާކިސްތާނުވެސް ހިމެނޭކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން ހާރިޖީ ވަޒީރު ފޮނުއްވި ސިޓީފުޅުތަކުގައިވެސް ހުންނާނީ މިފަދަ ވާހަކަފުޅުތަކެއް ކަމަށާ، ސުލްހައިގެ މަޝްވަރާތައް ފައްޓަވަން ބޭނުންފުޅުކަމުގެ އިޝާރާތެއް ކުރައްވާފައިނުވާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނެއެވެ.

ޓެރަރިޒަމް ނައްތާލެވިފައިވާ ވެއްޓެއް ގާއިމުކޮށްދިނުމަށް ޕާކިސްތާނުގެ ކިބައިން އެދިވަޑައިގެންފައިވާނެކަމަށްވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނެއެވެ. ބޮޑުވަޒީރު މޯދީ، ބޮޑުވަޒީރު އިމްރާނަށް ފޮނުއްވި ސިޓީފުޅުގައި، ޓެރަރިޒަމްއާއި ހަމަނުޖެހުންތަކުގެ ހިޔަނިން ސަލާމަތްވެފައިވާ ވެއްޓެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާކަމަށްވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ހަވާލާދީ އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.